ދިވެހިރާއްޖެއަކީ ފުރިހަމަ މާނާގައި މުސްތަޤިއްލު ޤައުމަކަށްވުމަށް ކުރަންޖެހިފައި އޮތީ ދިގު ދަތުރެކެވެ. އެ ދަތުރުގެ ފުރަތަމަ ފިޔަވަޅަކީ ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ޤާއިމުވެފައި ނެތްކަން ކަށަވަރުކުރުމެވެ. ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް، އެހެން ޤައުމެއްގެ "ކޮމާންޑް އެންޑް ކޮންޓްރޯލު" ހިނގާ ގޮތަށް އަސްކަރީ ބަޔަކު ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ އިސްތިޤުލާލަށް އޮތް ހުރަހެކެވެ. އެ ހުރަސް ނައްތައިލުމަކީ އިސްތިޤުލާލު ކަށަވަރުކުރުމަށް މުހިއްމު ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު ވައުދުފުޅަކީވެސް ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކުރެއްވުމެވެ. ހިނގަމުންދާ މޭ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް ޤާއިމުވެ ނުތިބޭނެއެވެ.
ނަމަވެސް ފުރިހަމަ މާނާގައި ރާއްޖެއަށް އިސްތިޤުލާލު ހާސިލުކުރެވެން އޮތީ އެހެން ޤައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންނެވެ. އިޤުތިޞާދީ ގޮތުންނާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހެން ޤައުމެއްގެ މައްޗަށް ބަރޯސާވާންޖެހޭ ޖެހުން ބޮޑުތަނުން ކުޑަކުރެވިގެންނެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި އެހެން ޤައުމުތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް ބަރޯސާނުވެ އެކަހެރިވެގެން އުޅުމަކީ އެއްވެސް ޤައުމަކަށް، އަދި ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް އުދަގޫ ކަމެކެވެ. ނަމަވެސް އެހެނިހެން ޤައުމުތަކަށް ބަރޯސާވާނެ ކަންކަމާއި ނުވާނެ ކަންކަން ކަނޑައަޅައި އެންމެ މުހިއްމު ކަންކަމުގައި އެހެނިހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ.
ރާއްޖޭގައި ބޭރު ޤައުމެއްގެ ސިފައިން ތިބުމުގެ ނުރައްކަލަކީ އެ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓުރޯލު ދިވެހިން ނޫން ބައެއްގެ އަތްމަތީގައި އޮތުމެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނިސްބަތްވަނީ އިންޑިއާގެ ކަނޑުގެ ސިފައިން ނުވަތަ އިންޑިއަން ނޭވީއަށެވެ. އެ ސިފައިން ނިސްބަތްވަނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ސްކޮޑްރަންއެއް ކަމަށްވާ އައިއެންއޭއެސް 310 އަށެވެ. އެހެންކަމުން އެ ސިފައިން ތަބާވާންޖެހޭ އުސޫލުތައް ބަޔާންކުރާނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުސޫލުތަކުގައެވެ.
އެގޮތުން އިންޑިއާގެ ނޭވީގެ ޑޮކްޓްރިން 2012 ގައި ބަޔާންކުރާ ގޮތުން އިންޑިއާގެ ކަނޑުގެ ސިފައިން ތަބާވާންޖެހޭ "ސްޓްރިކްޓު" ނުވަތަ ހަރުކަށި ކޮމާންޑް އެންޑް ކޮންޓްރޯލު އުސޫލުތަކެއް އޮންނަންވާނެއެވެ. ކޮންމެ ފެންވަރެއްގެ އޮފިސަރުން ޖަވާބުދާރީވާނީ އެއަށްވުރެ މަތީ ރޭންކުތަކުގެ އޮފިސަރުންނަށްކަމާއި، މުޅި މުއައްސަސާ އެކީގައި ޖަވާބުދާރީވާނީ އިންޑިއާގެ ބޮޑުވަޒީރަށެވެ. އެހެންކަމުން މުޅި މުއައްސަސާއަކީ އިންޑިއާގެ މަސްލަހަތުތައް ދިފާއުކުރުމަށް ފާޅުގައި (އޮވާޓް) އަދި ސިއްރުގައި (ކޮވާޓް) މަސައްކަތްކުރަންޖެހޭ މުއައްސަސާއެކެވެ.
މިދެންނެވި ޑޮކްޓްރިންއާއި އުސޫލުތައް އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް އެއިރު އިންޑިއާ ސަރުކާރާ ހެދި ހެލިކޮޕްޓަރު އެއްބަސްވުންތަކާއި، ޑޯނިއާ އެއްބަސްވުންތަކުގައި ހިމަނާފައިވެއެވެ. އެގޮތުން އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވަނީ މިއުޅަނދުފަހަރު އޮޕަރޭޓުކުރުމަށް ހަރަކާތްތެރިވާ ހުރިހާ އެންމެންވެސް ތިބެންޖެހޭނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކޮންޓިންޖެންޓު ކޮމާންޑަރުގެ "ކޮމާންޑް އެންޑް ކޮންޓުރޯލު"ގެ ދަށުގައި ކަމަށެވެ. އަދި އެ ކޮމާންޑަރު މަސްއޫލުވާނީ ނުވަތަ ޖަވާބުދާރީވާނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރަށް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށްފަހު މަދަނީން ގެނައުމުން އަސްކަރީ ޑޮކްޓްރިންތަކަށް އެމީހުން ތަބާވުން ލާޒިމުނުވާނެއެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރުމަށް ގެނައި މަދަނީން ނިސްބަތްވަނީ އިންޑިއާގެ ހިންދުސްތާން އެއޮރޮޓިކްސް ލިމިޓެޑް (ހަލް) އަށެވެ. އެ ކުންފުންޏަކީ އިންޑިއާ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް ކުންފުންޏަކަށްވީ ނަމަވެސް އެއީ ވިޔަފާރި ކުންފުންޏެކެވެ. އެއީ ދިވެހިރާއްޖޭގެ އެމްޓީސީސީ ފަދަ ކުންފުންޏެކެވެ.
އެ ކުންފުނީގެ ޝެއާހޯލްޑާސް ރިޕޯޓުތަކަށް ބަލާއިރު އެންމެ ފަހުގެ ހިސާބުތަކުން ފެންނަ ގޮތުގައި އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ހިއްސާއަކީ 71.64 އިންސައްތައެވެ. އެހެނިހެން އިންވެސްޓަރުން ނުވަތަ އާންމު ވިޔަފާރިތަކުން ޖުމްލަ 28.6 އިންސައްތަ ހިއްސާ ކޮންޓުރޯލުކުރެއެވެ. އޭގެ ތެރޭގައި މިއުޗަލް ފަންޑުތަކާއި ބޭންކުތަކާއި އިންޑިއާއިން ބޭރުގެ އިންވެސްޓަރުންވެސް ހިމެނެއެވެ.
އިދާރީ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގި ނަމަވެސް ހަލްއަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް ނޫނެވެ. "ސްޓްރިކްޓު ކޮމާންޑް އެންޑް ކޮންޓްރޯލް" އުސޫލުތަކެއްގެ ދަށުން ހިންގާ އަސްކަރީ ބާރެއް ނޫނެވެ. މާނައަކީ އުސޫލެއްގެ ގޮތުން އެކުންފުންޏާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން އިންޑިއާ ނޫން ދައުލަތަކަށް އެ ކުންފުނީގެ މުވައްޒަފުން ޖަވާބުދާރީވުން މަނާކުރާ އުސޫލެއް ނޯންނާނެއެވެ.
އެހެންކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލައި މަދަނީން ގެނައުމާއެކު، "ކޮމާންޑް އެންޑް ކޮންޓުރޯލް" އެހެން ބައެއްގެ އަތްމަތީގައި އޮތް ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ގާއިމުވެގެން ތިބުން ނިމުމަކަށް އައިސް ދިވެހި ދައުލަތުގެ ކޮންޓުރޯލު ހިނގާ ގޮތަށް އިންޑިއާގެ އުޅަނދުތައް އޮޕަރޭޓުކުރަން މަގުފަހިވެ، ދައުލަތުގެ އިސްތިޤުލާލަށް އޮތް ނުރައްކާ ނިމުމަކަށް ގެނެވުނީއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބި ސަބަބެއްކަމަށް އިންޑިއާއިން އަދި ކުރީގެ ސަރުކާރުން ބުނަމުން އައީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މައިގަނޑު ގޮތެއްގައި އިންޑިއާ ސިފައިންގެ ދައުރެއްކަމަށް ބުނަމުން އައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކުރުމާއި ބެލެހެއްޓުމާއި، ސިއްހީ ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމެވެ.
ދައުލަތެއްގެ ހައިސިއްޔަތުން ޔަގީންކުރަންޖެހޭ އެންމެ އަސާސީ އެއްކަމަކީ ޓެރިޓޯރިއަލް އިންޓެގްރިޓީއެވެ. އެ ދައުލަތުގެ ސަރަހައްދު، އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ހިމެނޭނެހެން ބެލެހެއްޓުމާއި ރައްކާތެރިކުރުމެވެ. މިއީ އެއްވެސް ދައުލަތަކުން އެހެން ދައުލަތަކަށް އައުޓްސޯސްކުރާ ކަމެއް ނޫނެވެ. އެއީ ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލާ ގުޅުންހުރި ކަމަކަށްވާތީއެވެ. އަދި އެހެން ދައުލަތަކަށް އެފަދަ ހައްސާސްކަމެއް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން ފަހުން ކާރިސީ ނަތީޖާތަކެއް ނުކުތުމުގެ ޖާގަ އޮތް ކަމަކަށްވާތީއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުގެ ސަބަބުން މިދެންނެވި މަސައްކަތްކުރުމުގައި ސިފައިންނަށް އޮތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކަނޑު އުޅަނދުފަހަރު ބޭނުންކޮށްގެން ރާއްޖޭގެ ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ޒަމާނުއްސުރެ ދިވެހި ސިފައިން ކުރަމުންދިޔަ ނަމަވެސް އެ މަސައްކަތަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ޤައުމީ ދިފާއީ ބާރުގައި ޤާއިމުކުރެވިފައި ނެތުމުގެ މައްސަލައަކީ އަބަދުވެސް ކުރިމަތިވާ މައްސަލައެކެވެ. ވަސީލަތްތައް ނެތުމުގެ ސަބަބުން އެކަމުގައި އެހެން ޤައުމަކަށް ބަރޯސާވުން ނޫން ދެވަނަ ގޮތެއް އެއިރު ނެތްކަމުގައި ބުނެވިދާނެއެވެ.
މިއަދު ހާލަތުވަނީ ބަދަލުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ދައުލަތުން ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. އެގޮތުން ތުރުކީން ޒަމާނީ ފެންވަރުގެ ޑްރޯނުތަކެއް ގެންނަވައި ދިވެހި ސިފައިންގެ އެއާ ކޯ ނުވަތަ ވައިގެ ބާރު އުފައްދަވައި، މިހާރު ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއްވަނީ ޤާއިމުކުރައްވާފައެވެ.
ސިއްހީ ކުއްލި ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމަކީ އަބަދުވެސް ދައުލަތަށް ދަތިވެފައި އޮތް ކަމެކެވެ. ޤައުމީ އެއާލައިންގެ މަތިންދާބޯޓުތައް ޗާޓަރުކޮށްގެން ނުވަތަ ޝެޑިއުލް ފުލައިޓުތަކުގައި ބަލިމީހުން އުފުލި ނަމަވެސް ވިޔަފާރި އެއާލައިނެއްގެ ތާވަލުގެ ތެރެއިން ބައެއް ފަހަރު އެކަމަށް ޖާގަނުލިބެއެވެ. އެ ހާލަތްތަކުގައި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރަންޖެހެއެވެ. ނަމަވެސް މިއީ އަސާސީ ޚިދުމަތެއްކަމަށްވާއިރު މިފަދަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ދެމެހެއްޓެނެވި ނިޒާމެއް ޤާއިމުވެފައި ނެތުމަކީ "ވަލްނަރަބިލިޓީ"އެއް ނުވަތަ ނާޒުކުކަމެއް ކަމުގައި މެނުވީ ނުވާނެއެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެއްޓެވުމުގެ ވައުދުފުޅުވެވަޑައިގެންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެއްޓެވިއެވެ. މިހާރު ލޭންޑިން ކްރާފްޓަކާއި ސީ ޕްލޭނެއް މެދުވެރިކޮށް ޚިދުމަތް ދެމުންދާއިރު ކައިރީގައި އެއާޕޯޓެއް ނެތް ރަށްތަކުންވެސް ބަލިމީހުން އަވަހަށް ފަރުވާ ލިބޭނެ ހިސާބުތަކަށް ގެންދެވެންވަނީ ފެށިފައެވެ. މިއީ މި ޚިދުމަތުގެ ފެށުމެކެވެ.
މިދެންނެވި ދެ ޚިދުމަތަކީވެސް ފެށުމެކެވެ. ޑްރޯނުތައް ބޭނުންކުރަން ފެށި ނަމަވެސް ކޯސްޓްގާޑަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދަންޖެހެއެވެ. އަދި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިނަމަވެސް ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމަށް ބައެއް ކަންކަން ކުރަންޖެއެވެ. ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގެންފައިވަނީ ސިފައިންގެ ޤާބިލުކަން މިހާރަށްވުރެ އެތައް ގުނައެއް އިތުރުކުރެއްވުމަށެވެ. އަދި ސިއްހީ ޚިދުމަތްތައް ރަނގަޅުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއެކު، މިހާރު ރާއްޖެއިން ލިބެން ނެތް ޚިދުމަތްތައް ތައާރަފުކުރެއްވުމަށެވެ. ތިން މަހުން ހާސިލުވި ކަންކަމަށް ބަލާނަމަ، ފަސް އަހަރުން އެކަންކަން ހާސިލުވުމުގެ އުންމީދު ބޮޑެވެ.
ރާއްޖޭގެ އެންމެ ބޮޑު ނާޒުކުކަމަކީ ދިފާއީ ނާޒުކުކަމެއް ނޫނެވެ. އެއީ އިޤުތިޞާދީ ގޮތުން ދިވެހިރާއްޖެ އޮތް ނާޒުކު ހާލަަތެވެ. ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ހަތަރުބައިކުޅަ ތިން ބައި ބަރޯސާވަނީ އެންމެ ސިނާއަތަކަށެވެ. ފަތުރުވެރިކަމަށެވެ. އެއީ ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު ވަރަށް ބޮޑަށް ފޯރާ ސިނާއަތެކެވެ. އެހެންކަމުން އެ ސިނާއަތަށް އެކަނި ބަރޯސާވުމަކީ އިޤުތިޞާދަށް އޮތް ނުރައްކަލެކެވެ. އެކަން ކުރީގެ ވެރިންނާއި ސަރުކާރުތަކަށްވެސް އެނގެއެވެ. އިޤުތިޞާދު ސިންދަފާތުކުރުމުގެ ވާހަކަ ކޮންމެ ބަޖެޓު ފޮތެއްގައި އޮންނަނީ އެހެންވެއެވެ. ނަމަވެސް އެ އަމާޒަށް އާރުލާ މަސައްކަތްތަކެއް ކުރެވިފައި އޮތް ތަނެއް ނުފެނެއެވެ.
މިހާރު ތަފާތު އަންނަނީ ފެންނަމުންނެވެ. އެކި ސަރުކާރުތަކުން ތަކުރާރުކޮށް ދައްކަމުން އައި އުތުރުގައި ބަންކަރިން ޚިދުމަތް ފެށުން މިހާތަނަށް އޮތީ ޚިޔާލީ ވަހުމެއްގެ ގޮތުގައެވެ. ނަމަވެސް ބައިނަލްއަޤުވާމީ ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިއްލަ އެންމެ ބޮޑު ކުންފުނިކަމަށްވާ ވިޓޯލްއާއެކު ސަރުކާރުން ޤާއިމުކުރި އެއްބަސްވުމުގެ ދަށުން އެކުންފުނިން އެ އަންނަނީ ބަންކަރިން ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. މާލީ ޚިދުމަތްތަކުގެ ސިނާއަތް ތައާރަފުކުރުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދަވައި، އެ އޮތޯރިޓީގެ ބޯޑު އެކުލަވައިލާ އެފަދަ އިކޮނޮމިކް ފްރީ ޒޯނުތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީއާއެކު ޕާޓްނާޝިޕެއްވަނީ އުފެއްދިފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް މަސްވެރިން ބާނާ މަހަށް ވެލިއު އެޑްކުރުން ނުވަތަ މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް އިންވެސްޓުކުރަންވަނީ ތައްޔާރުވެފައެވެ. މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް އޮތީ ރޭވިފައެވެ. އެއާއެކު އެ ސިނާއަތަކީވެސް އިޤުތިޞާދުގެ އިންޖީނުގައި ބޮޑު ޤާބިލުކަމެއް އޮތް ސިނާއަތަކަށްވާނެއެވެ. މެރިކަލްޗާއަށް ވަކި ފަޅުތަކެއް ޚާއްޞަކުރެވި އެ ސިނާއަތަށް ބޭރުގެ އިންވެސްޓުމެންޓުތައް ހޯދުމުގެ މަސައްކަތްވަނީ ފެށިފައެވެ.
ފަތުރުވެރިކަމުގެ އައު އުފެއްދުންތައް މާކެޓަށް ނެރުމަށް ވިޒިޓާ އިކޮނޮމިކް ކައުންސިލެއް އުފައްދައި އެކަމުގެ ޕްލޭންތައް އަންނަނީ ކުރެވެމުންނެވެ. ފަތުރުވެރިކަމުގެ ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް އައު ބާވަތްތަކުގެ ފަތުރުވެރިކަން ތައާރަފުކުރުމަށް އިންވެސްޓަރުންނާ އަންނަނީ މަޝްވަރާކުރެވެމުންނެވެ. އަލަށް ތައާރަފުކުރެވޭނެ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އިންވެސްޓުމެންޓު ފޯރަމްތައްވެސްދަނީ ބޭއްވެމުންނެވެ.
ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ފުރަތަމަ ފަހަރަށް ޑިވެލޮޕްމެންޓު ބޭންކެއް އުފެދިއްޖެއެވެ. އެ ބޭންކަށް އިންވެސްޓުކުރާނެ އިންވެސްޓަރުން ހޯދުމަށް އަންނަނީ މަސައްކަތްކުރެވެމުންނެވެ. ބައެއް ފަރާތްތަކުން އިންވެސްޓުކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.
މިދެންނެވި މަސައްކަތްތައް ފެށުނީ ވެރިކަމުގެ ކުރީ ކޮޅުގައެވެ. މިއިން ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިޤުތިޞާދުގެ ނާޒުކުކަން ކުޑަކުރާނެ ކަންކަމެވެ. އަދި ވެރިކަމަށް ފަސް މަހެއްހައި ދުވަސް ނުވަނީސް ފެށިފައިވާ މަސައްކަތްތަށް ނިންމެވުމަށް ރައީސަށް ވަގުތު އެބައޮތެވެ. މިހުރިހާ ކަމެއް ގުޅިލައިމެހުމުން ގަތައިލެވޭނީ އެކަތައިގެ ޗޭނެކެވެ. ރާއްޖޭގެ އިޤުތިޞާދީ ނާޒުކުކަން ކުޑަކުރެވި، ދިފާއީ ބާރުވެރިކަން އިތުރުކުރެވި، އަމިއްލަ ފައިމައްޗަށް ތެދުވެލައި ހިންދެމިލެވޭނެ ސިޔާސަތުތަކެއްގެ ޗޭނެކެވެ.