ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ޑެންގީ ބަލީގެ 774 ކޭސް އަދި ޗިކެންގުންޔާ 389 ކޭސް, މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ޑެންގީ އަދި ޗިކެންގުންޔާގެ ވީކްލީ ސަމަރީ ރިޕޯޓުން ދައްކާ ގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ޑެންގީގެ 68 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 774 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޑެންގީ ބަލީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރީ މިދިޔަ މަހުގައެވެ. އެ މަހުގައި 244 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ޗިކެންގުންޔާގެ ކޭސްތަކަށް ބަލާއިރު, މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް 104 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިދިޔަ މަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 389 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ޗިކެންގުންޔާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެއިންނެވެ. އެގޮތުން ބަލާއިރު މާލެއިން 309 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައިން މި ބަލީގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެއީ 66 ކޭސްއެވެ.