Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ފަތުރުވެރިންގެ އަދަދު 3-4 މިލިއަނަށް އިތުރުކުރެވި، ދައުލަތަށް 6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ: ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، އަހަރެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 3-4 މިލިއަނަށް އިތުރުކުރެވި، އެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެކަމުގެ އުންމީދު ބޮޑުކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތުކޮށް އައު ޕްރޮޑަކްޓުތައް ބާޒާރަށް ނެރުމަށް އިސްކަންދެމުންދާ ކަމަށެވެ. އެގޮތުން ސްޕޯޓްސް ޓުއަރިޒަމާއި، ހެލްތު ޓުއަރިޒަމްގެ އިތުރަށް އެޑިއުކޭޝަން ޓުއަރިޒަމް ތައާރަފުކުރުމަށް ކަމާ ގުޅުންހުރި ފީޒިބިލިޓީ ސްޓަޑީތައް ސަރުކާރުން ހަދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ހެލްތު ޓޫރިޒަމް މިއީ ވަރަށް ބޮޑަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ސްޕޯޓްސް ޓޫރިޒަމް އިންޓްރޮޑިއުސް ކުރުން. ދެން އެރައިވަލްސް އިތުރުކުރުން. އޭރުން އަޅުގަނޑުމެންނަށް އާމްދަނީ އިތުރުކުރެވޭނީ." ފައިސަލް ވިދާޅުވިއެވެ.

އޭގެ އިތުރަށް ފައިސަލު ފާހަގަކުރެއްވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ދިވެހި ފަތުރުވެރިކަމުގެ މައިގަނޑު ސެގްމެންޓުކަމަށްވާ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓު ޕްރޮމޯޓުކުރުމުގެ އިތުރަށް، ގެސްޓުހައުސްތަކާއި، ޔޮޓުތަކާއި ސަފާރީތައް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރުމަށް ވިސްނަވާ ކަމުގައި ފައިސަލް ވިދާޅުވިއެވެ.

އެގޮތުން ގެސްޓުހައުސް ޕްރޮމޯޓުކުރުމުގެ ގޮތުން ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިންނަކީ ކޮބައިކަން ދެނެގަނެ އެ މާކެޓަށް އަމާޒުކޮށްގެން ވަކި ޚާއްޞަ ފެއާތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އެ ފެއާތަކުގެ އިތުރަށް ވަކިން ދިވެހިރާއްޖޭގެ އަތޮޅުތައް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރުމަށްވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށްވުރެ ވަރަށް ބޮޑަށް އިތުރުކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް މިހާރު ލިބޭ އާމްދަނީވެސް އިތުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ބަލާލާއިރު އާންމުކޮށް ޓޫރިޒަމް ސެކްޓާއިން ދިވެހިރާއްޖޭގެ ބަޖެޓަށް މި ކޮންޓްރިބިއުޓް ކުރަނީ 4.5 ބިލިޔަން ޑޮލަރު. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް 2027 ނިމެންވާއިރު 6 ބިލިޔަނެއްހާ ޑޮލަރު ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަށް ކޮންޓްރިބިއުޓް ކުރާނެ ކަމަށް،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމާއެކު، މިހާރު ހަދަން ދޫކޮށް ނުހެދި ހުރި ރިސޯޓުތައް ބާޒާރަށް ނެރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެކަމުގައި އެ ރަށްތަައް ނަގާފައިވާ އިންވެސްޓަރުންނާއި ފިނޭންސް މިނިސްޓްރީ އަދި މީރާއާއި ޓުއަރިޒަމް މިނިސްޓްރީ އެކީ މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ