ނައިޖީރިޔާގެ ހުޅަނގުއުތުރުގައި އޮންނަ ޒަމްފަރާގެ އަވަށްތަކަކަށް ހަތިޔާރު އެޅި ގުރޫޕަކުން އަރައި ޙަމަލާ ދިނުމަށްފަހު ޢާންމުންގެ 100އަށްވުރެ ގިނަ މީހުން ރަހީނު ކޮށްފިއެވެ.
ހަތިޔާރު އެޅި ގުރޫޕުން ޙަމަލާ ދީފައި ވަނީ ޒަމްފަރާގެ ބިރްނިމް-މަގާޖީ ޑިސްޓްރިކްޓުގެ ތިން އަވަށަކެވެ. އެއީ ގޯރާ, މަޑޯމާވާ އަދި ޖަމްބޫޒޫއެވެ.
ބިރްނިމް-މަގާޖީގެ އޮފިޝަލެއް ކަމުގައިވާ އަލްހާޖީ ބަލާ ވިދާޅުވީ ރަހީނު ކޮށްފައިވާ މީހުންގެ ތެރޭގައި 38 ފިރިހެނުންނާއި 67 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައެވެ.
"ރަހީނު ކޮށްފައިވާ މީހުންގެ ޢަދަދު އެއަށްވުރެ ވެސް އިތުރުވުން އެކަށީގެންވޭ،" ބަލާ ވިދާޅުވިއެވެ.
ނައިޖީރިޔާގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކުގައި ހަތިޔާރު އެޅި ގިނަ ޢަދަދެއްގެ ގުރޫޕުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި, މި ފަދަ ޙަމަލާތަކަށް ފަހު ގިނަ ޢަދަދެއްގެ ބަޔަކު ރަހީނު ކުރުން ވަނީ ޢާންމުވެފައެވެ. މީގެ ކުރިން ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ވެސް ރަހީނު ކޮށްފައިވެއެވެ.
ނައިޖީރިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އަނަޑޯލް ނޫސްއެޖެންސީން ބުނީ ރަހީނުން ސަލާމަތް ކުރެވޭތޯ އެގްރޫޕާ ވާހަކަ ދައްކަމުން ދާކަމަށެވެ.