އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް މަޝްވަރާކޮށްފިއެވެ.
ރާއްޖޭގައި ހިރިގަލުން ހަދާފައިވާ އާސާރީ މިސްކިތްތައް އިސެސްކޯގެ ދާއިމީ ތަރިކައިގެ ލިސްޓަށް އެރުވުމަށް މަޝްވަރާ ކުރައްވާފައިވަނީ، ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.
ވަޒީރު އަޒަރްބައިޖާނަށް ދަތުރުކުރެއްވި މައިގަނޑު އެއް މަގްސަދަކީވެސް ހިރިގަލުން ރާނާފައިވާ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމެވެ. އަދި އެކަން ކުރުމަށްޓަކައި ވަޒީރު މަޝްވަރާކުރައްވާފައިވަނީ، އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކްއާއެވެ.
މާލިކްއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މާލިކް ވަނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށް ނިންމަވާފައެވެ. އަދި މީގެ އިތުރުން، އެތަންތަން ދިރާސާކުރުމަށްފަހު އެ ލިސްޓުގައި ހިރިގަލުން ރާނާފައިވާ މިސްކިތްތައް ހިމެނުމާއިމެދު ގޮތެއް ނިންމަވާނެކަމަށް ވަޒީރާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މާލިކް ވިދާޅުވިއެވެ.