މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8.2 ލައްކައަށް ވުރެ މަތިވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 822,723 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.9 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ އެ މުއްދަތަށް 628,724 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 735,374 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އަދިވެސް އޮތީ ޗައިނާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 91,073 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތައެވެ.
ދެވަނާގައި މިހާރު އޮތީ މިދިޔަ އަހަރު ލިސްޓުގެ އެއް ވަނާގައި އޮތް ރަޝިޔާއެވެ. އެގައުމުން މިހާތަނަށް 83,219 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި މިހާރު އޮތް އިނގިރޭސި ވިލާތުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 78,961 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,192 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 853 ގެސްޓްހައުސްގެ އިތުރުން 148 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,491 އެނދު އޮޕަރޭޓްކުރެއެވެ.