އިންޑިއާއިން ތަރައްޤީކުރަމުން އައި އުތުރުތިލަފަޅުގައި ކުރިން އިންޑިއާ ސިފައިން ތިބިކަން ލިޔެކިޔުންތަކުން ފެންނަކަމަށާއި، މިހާރު އެތަނުގައި އިންޑިއާ ސިފައިން ނެތްކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ކުރިން ދެއްކި ވާހަކަތަކަކީ ދޮގުތަކެއްކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ އެވާހަކައަކީ ދޮގެއް ނޫން ކަމަށާއި، ކުރިން އެތަނުގައި އިންޑިއާ ސިފައިން ތިބި ކަމަށެވެ.
އެގޮތުން ޣައްސާން ފާހަގަކުރެއްވީ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބކަން ހުރި ލިޔެކިޔުންތަކުން ސާފުވާ ކަމަށެވެ. މިފަދައިން ޣައްސާން ވިދާޅުވިއިރު ނިމުނު ވެރިކަމުގައި އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބިކަމަށް ރިޕޯޓުކުރި ނޫސްވެރިން ހެދީ ދޮގުކަމަށް ބުނެ އެމްޑީޕީއަށް ތާއީދުކުރާ ނޫސްތަކުންނާއި އެކްޓިވިސްޓުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.
"ކުރިން [އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން] ތިބިކަން ކަށަވަރުވޭ. އޭގެ ލިޔެކިޔުންވެސް އެބަހުރި. އަދަދު އަޅުގަނޑު ޖެހޭނީ ބަލައިލަން،" ޣައްސާން ވިދާޅުވިއެވެ.
އެތަނުގައި ތިބި ސިފައިންގެ އަދަދާއި އެމީހުން އުތުރުތިލަފަޅުގައި ތިބީ ހަތިޔާރާއެކުކަން ނުވަތަ ނޫންކަން ޖެހޭނީ ސާފުކުރައްވަން ކަމަށް ވިދާޅުވުމާއެކު ޣައްސާން ވިދާޅުވީ އެ ސިފައިން ގެނައީ ދެ ޤައުމުގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމުގައިވާނަމަ އެ އެއްބަސްވުމުގައި ހިމެނޭ ބައެއް މައުލޫމާތު ހާމަކުރެވޭނީ ދެފަރާތުން އެއްބަސްވެގެން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އެކަން އެގޮތަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލައިފައި އަޅުގަނޑުމެންނަށް ހާމަކުރެވޭ މައުލޫމާތެއް ހާމަކޮށްދޭނަން،" ވަޒީރު ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ކުރިން އިންޑިއާ ސިފައިން ތިބިކަމަށް އެތަނުގައި މަސައްކަތްކުރި ސިފައިން ނަން ހާމަނުކުރާ ގޮތަށް ތަފާތު އެތައް ފަހަރެއްގެ މަތިން "ދިޔަރެސް"އަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއިރު ލީކުވި ޑްރާފްޓު އެއްބަސްވުމުގައިވެސް ޓެކްނީޝަނުންގެ ނަމުގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިންނަށް އެތަނުގައި ތިބެވޭނެ ގޮތަށް އޮތީ އެއްބަސްވެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާގެ 76 ސިފައިން އިއްޔެގެ ނިޔަލަށް ރާއްޖެއިން ފޮނުވާލާފައިވެއެވެ. އަދި އެއާއެކު އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް އެ ޤައުމުގެ މަދަނީންގެ ޓީމެއް ރާއްޖެއަށްވަނީ ގެނެސްފައެވެ.
ސަރުކާރުން އަންނަނީ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކޮށްގެން ހިންގަމުން އައި އޮޕަރޭޝަންތައް ދިވެހި ދައުލަތުން ކުރިއަށްގެންދިއުމުގެ ޤާބިލުކަން ޤާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މެޑިކަލް އެވެކުއޭޝަންތަކަށް ބޭނުންވާ އެއާ އެމްބިއުލާންސް ތައާރަފުކޮށް، ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް އަންމޭންޑް އޭރިއަލް ވެހިކަލް އެމްއެންޑީއެފްއަށްވަނީ ހޯދައިދީފައެވެ.