އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި އޮޕަރޭޓުކުރަމުން ދިޔަ އުޅަނދުފަހަރު އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށްފަހު އެމީހުންގެ ބަދަލުގައި އިންޑިއާގެ ސިވިލިއަނުން ގެނައުމުން އެ އުޅަނދުފަހަރުގެ މައްޗަށް ހިނގާނީ ދިވެހިންގެ ބާރާއި ސިޔާދަތުކަން ކަށަވަރުވާނެ ކަމުގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މޭ މަހުގެ 10 ވަނަ ދުވަހު ފޮނުވައިލެވުމާ ގުޅިގެން އެކަމުގެ މައުލޫމާތު ދިނުމަށް މިއަދު ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިފައިންގެ ބަދަލުގައި މަދަނީން ގެނައުމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާނުވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ ސިފައިންނަކީ ވަކި ހައިރާކީއެއްގެ ދަށުން މަސައްކަތްކުރަންޖެހޭ ބައެއް ކަމަށެވެ.
"މިލިޓަރީއަކީ ކޮމާންޑް އެންޑް ކޮންޓްރޯލް ވަކި ހައިރާކީއެއް އޮންނަ ސިސްޓަމެއް. މިލިޓަރީ މީހުން ތަބާވާންޖެހޭނީ މިލިޓަރީ ކޮމާންޑާސްއަށް. މިހާރު ސިވިލިއަނުން މިތާ [އިންޑިއާގެ އުޅަނދުތައް] އޮޕަރޭޓުކުރަން ތިބީމައި އަޅުގަނޑުމެންނަށް ކަށަވަރުކުރެވޭ މިއެސެޓްސްގެ ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައިކަން. އެއީ މިހާރު ކޮމާންޑް އެންޑް ކޮންޓްރޯލު ހަމަޖެހިފައިވާ ނިޒާމުން އަޅުގަނޑުމެން ހުއްދަދީގެން ނޫނީ ފްލައިނުކުރެވޭނެ،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން މިފަދައިން ވިދާޅުވުމުން ކުރިންވެސް އިންޑިއާގެ އުޅަނދުތައް އޮޕަރޭޓުކުރަނީ ދިވެހި އަސްކަރިއްޔާއިން ހުއްދަ ލިބިގެންކަމަށް ބުނެ ބައެއް ނޫސްވެރިން ސުވާލުކުރުމުން ޣައްސާންވަނީ އެކަމަށް ރައްދުދެއްވައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުކަމުގައި ހުންނެވިއިރު ރާއްޖޭގެ އަސްކަރިއްޔާގެ ހުއްދައެއް ނެތި އިންޑިއާ ސިފައިން އޮޕަރޭޓުކުރި ހެލިކޮޕްޓަރެއް ރާއްޖޭގެ ރަށަކަށް ޖެއްސި މައްސަލައެއް ފެންމަތިވިކަން ފާހަގަކުރައްވާފައެވެ.
ދިވެހި ސިފައިންގެ ހުއްދަ ނެތި އިންޑިއާ ހެލިކޮޕްޓަރެއް ރާއްޖޭގެ ރަށަކަށް ޖެއްސި މައްސަލައެއް ފެންމަތިވެއްޖެhttps://t.co/ZzzscsZNTy
— Dhiyares (@DhiyaresNews) November 14, 2021
"މިލިޓަރީ ކޮމާންޑް އެންޑް ކޮންޓްރޯލުގެ ވާހަކަ މިދެންނެވީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރި ފާއިތުވި ފަސް އަހަރު 241 ކޮމިޓީން ބަލާފައި އޮންނާނެ ދިވެހިންގެ ހުއްދަނެތި ފުލައިޓެއް އަޅާފައި އޮތްކަން. ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޮތީ އެއިރު ދުއްވާފައި. އެއީ ތިމަރަފުއްޓަށް [ހެލިކޮޕްޓަރު] ލޭންޑްކުރި އިންސިޑެންޓެއް،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން އިޝާރާތްކުރެއްވި ހާދިސާއަކީ ދިވެހި އަސްކަރިއްޔާއަށް އެންގުމަކާނުލައި 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އިންޑިއާ ސިފައިން ހެލިކޮޕްޓަރު ތ.ތިމަރަފުށީ އެއާޕޯޓަށް ޖެއްސި މައްސަލައެކެވެ. އެއިރު ކޯސްޓުގާޑުގެ އިސްވެރިޔަކަށް ހުންނެވި ކާނަލް މުހައްމަދު ސަލީމްވަނީ އެފަދައިން އެކަން ތަކުރާރުނުކުރުމަށް އެދިވަޑައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކޮމާންޑަރަށް ސިޓީއެއް އީމެއިލް މެދުވެރިކޮށް ފޮނުއްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހާދިސާއަކީ ހިނގި ކަމެއްކަން އެމްއެންޑީއެފްގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީވަނީ ކަށަވަރުކޮށްދެއްވާފައެވެ.