ޔޫކްރެއިންއަށް ފަރަންސޭސި ސިފައިން ފޮނުވައިފިނަމަ އެމީހުންނަށްވެސް ހަމަލާތައް އަމާޒުވާނެކަމަށް ރަޝިޔާއިން ބުނެފިއެވެ.
މޮސްކޯއިން ބުދަ ދުވަހު ބުނެފައިވަނީ ޔޫކްރެއިންއަށް ފްރާންސުން ލަޝްކަރެއް ފޮނުވައިފިނަމަ ރަޝިޔާގެ އަސްކަރިއްޔާއިން ފަރަންސޭސި ސިފައިންނަށް ހަމަލާތައް އަމާޒުކުރާނެ ކަމަށެވެ.
"ފަރަންސޭސިން ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުގައި (ޔޫކްރެއިންގައި) ހަރަކާތެރިވާތަން ފެނިއްޖެނަމަ، އެމީހުން ވެގެންދާނީ ރަޝިޔާ ސިފައިންގެ އަމާޒަކަށް. އަޅުގަނޑަށް ހީވަނީ ޕެރިހުގައި މިހާރުވެސް މިކަމުގެ ހެކި އެބަހުރި ހެން،" ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ޒަޚަރޯވާ ވިދާޅުވީ ޔޫކްރޭނަށް ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ދެއްކެވި ވާހަކަތައް ހިއްސާވެގެން ދިޔައީ އީޔޫ އާއި ނޭޓޯގައި ހިމެނޭ ޕެރިސްގެ ބައިވެރިންގެ މެދުގައި އެކަނި ނޫން ކަމަށާއި ފަރަންސޭސި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއްގެ މެދުގައި ވެސް އެވާހަކަތައް ފެތުރި އެކަމަށްވަނީ ދެކޮޅު ހަދާފައި ކަމަށެވެ.
"ފްރާންސާއި މުޅި ޔޫރަޕަށް ރަޝިޔާގެ ނުރައްކާ އޮތް ކަމަށް ބުނެ ޒަމާނުއްސުރެ ދެކެމުން އައި ދޮގު ވާހަކަތައް ޕެރިހުން އޮޅުވާލުމުން ވެސް އަދި ޔޫކްރެއިންގައި ހުޅަނގާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހައިބްރިޑް ހަނގުރާމައަށް އެތައް ބިލިއަން ޑޮލަރެއްގެ ޚަރަދު ޖަސްޓިފައި ކުރަން ބޭނުންވުމުން ވެސް އަޅުގަނޑުމެން ހައިރާނެއް ނުވަން،" އެކަމަނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު "ދަ އިކޮނޮމިސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ޔޫކްރެއިންއަށް ސިފައިން ފޮނުވުމަކީ އެކަމަށް އެއްވެސް ފަރާތަކުން އިންކާރު ކޮށްގެން ނުވާނެ ކަމެއް ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ މެކްރޮން ދާދި ފަހުން މިކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ވަރަށް ނުރައްކާތެރި ޓްރެންޑެއް ކަމަށް ސިފަކުރައްވާފައެވެ.
ރަޝިޔާއިން ދިން ސައިބަރ ހަމަލާތަކަށް ފަހު ޖަރުމަނުވިލާތުން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޯމަ ދުވަހު އެނބުރި ބާލިންއަށް ހާޒިރުކުރުމާ ގުޅިގެން ޒަޚަރޯވާ ވިދާޅުވީ މިއީ ރަޝިޔާއާ ދެކޮޅު އިހުސާސްތައް އުފައްދަން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ.
އެކަމަނާ ފަހުން ވިދާޅުވެފައިވަނީ ޖަރުމަނުވިލާތުން މިފަދަ "ދޮގު ވާހަކަތައް" ބޭނުންކޮށްގެން ދެގައުމުގެ ގުޅުން އިތުރަށް ގޯސްކުރާން މަސައްކަތްކުރާ ކަމަށެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ބަޔާނާ ގުޅޭ ގޮތުން ޒަޚަރޯވާ ވިދާޅުވީ މިއީ ރަޝިޔާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރާ އިތުރު ހަރުކަށި މަސައްކަތެއް ކަމަށާއި އެއީ ހުޅަނގުން ރަނގަޅު މުސާރައެއް ދޭ އެސެސްމެންޓެއް ކަމަށެވެ.
ޒަޚަރޯވާ ވަނީ ދާދި ފަހުން ލަންޑަންގެ ބޭރުގައި ހުރި ގުދަންތަކަށް ދިން އަލިފާނުގެ ހަމަލާތަކުގައި ރަޝިއާގެ ބައިވެރިވުން އޮތް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އެއީ މޮސްކޯއާ ދެކޮޅަށް "އިންފޮމޭޝަން ވޯރ" އެއްގެ ތެރޭގައި ހިމެނޭ "ހިތްވަރުދޭ" ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.