މީގެ ފަސް އަހަރު ކުރިން ރ.މީދޫ/ފެންފިޔާޒުގޭ މުޙައްމަދު އަނަސް މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
2017 ވަނަ އަހަރުގެ ޖުލައިމަހު ގުރޫޕަކުން ގޮސް އަނަސްގެ ހަށިގަނޑުގެ އެތަންމިތަނަށް ވަޅިން ހަމަލާދީ މަރައިލި މައްސަލާގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ.
އަނަސް މަރައިލީ ސަލާމަތްވާން ދުވަމުން ގޮސް މާލޭ ލިޓަސް ސަރވިސް ސެންޓަރުގެތެރެއަށް ވަދެ އުޅެނިކޮށެވެ.
މި މައްސަލާގައި ދައުވާ ލިބުނު މީހުން:
ޖުނައިހު ޢަބްދުﷲ, ލ.ގަން,ތުނޑި/ނަންނާރިގެ
އަޙްމަދު ޒަޔާން, ޅ.ކުރެންދޫ/އަސުރުމާގެ
އަފްރާހު ޢަބްދުއްރައްޒާޤް, ގ.ލޮނުމިދިލިގެ
ޙަސަން މަހްފޫޒް, ސ.ފޭދޫ/ވެސްޓަންވިލާ
މުޙައްމަދު ޝާޒް, ތ.ކިނބިދޫ/ގުލްފާމްގެ
ސިމާހު މޫސާ, ދަފްތަރު ނަންބަރު 1746
އުސްމާން ޝަރީފް, މ.ދިމިޝްގު
މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އަނަސްގެ މަރުގެ މައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި މިދިޔަ އަހަރު ހައިކޯޓުން ވަނީ 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.