ނައިޖީރިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަޑަމާވާގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިމަބިހި ޖެހިގެން 42 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ހެލްތު ކޮމިޝަނަރު ފެލިކްސް ޓަންގްވާމީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ހިމަބިހި ފެތުރުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދެ ސަރަހައްދަކަށް ކަމަށާއި އެ ސަރަހައްދުން ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ހިމަބިހީގެ ވެކްސިން އެ ސަރަހައްދުތަކަށް ވަނީ ފޮނުވާފައި ކަމަށާއި، ސިއްހީ އެހީތެރިންގެ ފީލްޑް ޓީމުތަކުން ދަނީ ހާލަތު ކޮންޓްރޯލް ކުރަމުން ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެކްސިން ޖަހައިގެން ހިމަބިހީގައި 50 މިލިއަނަށް ވުރެ ގިނަ މީހުން މަރުވުން ވަނީ ހުއްޓުވިފައެވެ.
ހިމަބިއްސަކީ ވައިރަސްއަކުން ޖެހޭ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އަދި މި ބަލީގެ ސަބަބަން ފުރާނައަށްވެސް ނުރައްކާވާ ފަހަރު އާދެއެވެ. ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ހިމަބިއްސަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، އަރިދަފުސް ރޯގާގެ އަލާމާތްތަކާއި، ލޯ ރަތްވުމާއި، ހަންގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
އަދި ބައެއް ފަހަރު ހިމަބިހީގެ ސަބަބުން ނިއުމޯނިއާޖެހުމާއި، ބޭރަށް ހިންގުމާއި، ސިކުނޑި ދުޅަވުން ފަދަ ކަންތައްތައް ދިމާވެ ބަލީގައި ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ.