ސިކުންނަށް ވަކި ދައުލަތެއް ޤާއިމުކުރުމަށް ގޮވައިލާ ހަރަކާތުގެ ލީޑަރެއް، ކެނަޑާގެ ބްރިޓިޝް ކޮލަމްބިއާގައި ފާއިތުވި އަހަރު މަރައިލި މައްސަލާގައި އިންޑިއާަ ތިން މީހެއްގެ މައްޗަށް ކެނަޑާގެ އިދާރާތަކުން ދައުވާކޮށްފިއެވެ.
ކެނަޑާގެ މައި ފުލުހުންގެ އިދާރާކަމަށްވާ "ދި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް"އިން ހާމަކުރި ގޮތުގައި މި މައްސަލާގައި ދައުވާކޮށްފައިވަނީ ކަރަންޕްރީޓް ސިންހްއާއި، ކަމަލްޕްރީޓް ސިންހްއާައި، ކަރަން ބްރާރްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ ތިން މީހުންނަށް ކުރާ ތުހުމަތަކީ ސިކުންގެ ލީޑަރެއްކަމަށްވާ ހަރްދީޕް ސިންހް ނީޖާރު ވެންކޫވާގެ ބޭރުގައި ފާއިތުވި އަހަރު ޖޫން މަހުގައި ޤަތުލުކުރިކަމުގެ ތުހުމަތެވެ. މި ޤަތުލާއެކު އިންޑިއާއާއި ކެނަޑާގެ ގުޅުމަށްވަނީ ނޭދެވޭ އަސަރުކޮށްފައެވެ.
ކެނަޑާ ފުލުހުންގެ ސުޕްރިންޓެންޑެންޓް މަންދީޕް މޫކާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މި ޤަތުލާ އިންޑިއާ ސަރުކާރާ ގުޅުމެއް އޮތްތޯ ބަލަން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި އިތުރު ބައެއްގެ ޝާމިލުވުން އޮތުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް އޭނަ ފާހަގަކުރެއްވިއެވެ.
ނީޖާރުގެ ޤަތުލާއެކު އިންޑިއާއާއި ކެނަޑާގެ ގުޅުން ތައުގީދު (ކޮމްޕްލިކޭޓެޑް)ވިއެވެ. ދެ ޤައުމުންވެސްވަނީ އެ ޤައުމުތަކުގައި ތިބި އަނެއް ޤައުމުގެ ޑިޕްލޮމެޓުން ބައިލަން އަންގައިފައެވެ. އަދި ވަގުތީ ގޮތުން އިންޑިއާއިންވަނީ ކެނަޑާ ރައްޔިތުންނަށް ވިސާ ދޫކުރުންވެސް ހުއްޓާލާފައެވެ.
ފާއިތުވި ސެޕްޓެންބަރު މަހު ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޯޑޯ ވިދާޅުވެފައިވަނީ ނިޖާރްގެ ޤަތުލާ އިންޑިއާ ސަރުކާރާ ގުޅުވޭ ބުރަދަންހުރި ތުހުމަތުތައް އެބަހުރި ކަމަށެވެ.
ކެނަޑާގެ ފުލުހުން ބުނެފައިވަނީ މި ތަހުގީގުގައި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ގުރްޕަތްވާންތު ސިންހު ޕަންނުމް ނަމަކަށް ކިޔާ ސިކް ލީޑަރެއް ޤަތުލުކުރުމަށް ކުރި މަސައްކަތް އެމެރިކާގެ އިދާރަތަކާއި ކެނަޑާގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުންވަނީ ނާކާމިޔާބުކޮށްލާފައެވެ.
ނީޖާރްއަށް ހަމަލާދީފައިވަނީ އޭނާ އިސްވެ ސިކް ފައްޅިއެއް ހިންގާ ސުއްރޭގައެވެ. އެ ހަމަލާގައި އޭނާއަށް ބޮޑެތި ޒަޚަމުތަކެއް ލިބުނެވެ. އެ ޒަޚަމްތަކަށް ފަރުވާ ހޯދަނިކޮށް އޭނާ މަރުވީއެވެ.
އިންޑިއާ ސަރުކާރުން ބުނި ގޮތުގައި ނީޖާރަކީ ޓެރަރިސްޓެކެވެ. އަދި އޭނައަކީ އިންޑިއާގައި ވަކި ސިކް ދައުލަތެއް ކަލިސްތާންގެ ނަމުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ ޖަމާއަތެއްގެ މެންބަރެއްކަމަށްވެސް އިންޑިއާއިން ބުނެއެވެ. އަދި ނީޖާރު މަރައިލުމުގައި އިންޑިއާގެ ބައިވެރިވުމެއް އޮތްކަމަށް ކުރެވޭ ތުހުމަތުތަކީ ހަމަނުޖެހޭ ވާހަކަތަކެއްކަމަށް އިންޑިއާއިން ސިފަކުރެއެވެ.