ފްރާންސްގެ މުހިއްމު ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ ޖޫން މަހު ފަށާ ޔޫރޯގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
ޕީއެސްޖީގެ ޑިފެންޑަރަށް އަނިޔާވީ ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ބުދަ ދުވަހުގެ ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން އެޓީމު ބަލިވި މެޗުގަ އެވެ.
އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ 42 ވަނަ މިނެޓުގައި ބަދަލުކުރީ ކަކުލަށް އަނިޔާވެގެންނެވެ. ހެނާންޑޭޒްގެ އެމްއާރުއައި ސްކޭން ދައްކާގޮތުން އޭނާގެ އޭސީއެލް އަށް ވަނީ އަނިޔާވެފަ އެވެ.
ޕީއެސްޖީ އިން ބުނީ މި ހަފްތާ ތެރޭ ހެނާންޑޭޒްގެ ސާޖަރީ ކުރިއަށް ގެންދާނެ ކަމަށާއި އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.
ކަކުލަށް ލިބޭ އެފަދަ އަނިޔާއިން ރަނގަޅުވާން އާއްމުކޮށް ކުޅުންތެރިންނަށް ހަ މަހާއި އަށް މަހުގެ މުއްދަތެއް ބޭނުންވާނެ އެވެ. އަދި ބައެއް ކޭސްތަކުގައި އެއަށްވުރެ ވެސް މުއްދަތު ދިގެވެ.
ހެނާންޑޭޒް ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަނިޔާވުމުން ހެނާންޑޭޒް އަށް އެ މުބާރާތުގެ ބާކީ މެޗުތަކުގައި ނުކުޅެވުނެވެ.
ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށާނީ ޖޫން 14 ވަނަ ދުވަހު އެވެ.