މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 29 ވަނަ ދުވަހުގައި ކަމަށް ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ބުނެފިއެވެ.
މި މުބާރާތް ބޭއްވުމަށް ކުރިން ތާވަލުކުރެވިފައި އޮތީ މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ.
ނަމަވެސް މި ތާރީޚާ، ގްރޭޑް 10 ގެ ދަރިވަރުންގެ މޮކް އެގްޒާމް ދިމާވާތީ، އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން މޮކް އެގްޒާމް ނިމެންދެން މުބާރާތް ފަސްކުރީއެވެ.
ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނާއި ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ފެށުމަށް އިއުލާންކުރެވިފައިވާ ތާރީޚު ދިމާވާތީ މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ 29 ޖޫން ގައި ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަށް އެ މުބާރާތުގެ ހައްގު ދަރަޖައާއި މަގާމު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.