މިއަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވައިލައިފިއެވެ.
މި ކުލާސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 13:30 އާ ހަމައަށެވެ.
ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ބުނީ މި ކުލާސް ތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ.
ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމީލް ޖަލީލް މިސްކިތާއި މާލޭގައި ހުންނަ ސަލްމާން މިސްކިތުގައެވެ.
މި ކުލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒަށް ހުށަހެޅުއްވުމަށާއި މެއިލްކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުމަށް ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ވަނީ އެދިފައެވެ.
ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަންދޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށެވެ.
އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވަނީ 21 މެއި 2024 އިން 28 މެއި 2024 އާއި ދެމެދު ކަމަށް ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.