Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަނަސްގެ މަރު

އަނަސްގެ މަރުގެ މައްސަލަ އަންނަ ހަފްތާގައި އިސްތިއުނާފު ކުރަނީ

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުލަތުން ދައުވާ އުފުލާފައި ތިބި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ މެއި މަހުގެ 6 ގެ ކުރިން އެމައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އަނަސްގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި 07 މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައި ކޯޓުން ހުކުމް ކުރީ މިއަހަރުގެ ފެބްރުއަރީ 25 ގަ އެވެ.
ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީ އަނަސް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރަމުން ދިޔަ މީހުން ހަތް އަހަރު ފަހުން ކޯޓުން މިނިވަންވި އިރު އޭގެ ތެރެއިން އެކަކު ދާދިފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ އިސްތިއުނާފަށް އެދި އޭރު ހުށަހެޅިފައި ނުވަނީ ރިޕޯޓު ލިބިފައި ނުވާތީއެވެ. ސަރުކާރުން ވެސް ވަނީ މިމައްސަލަ ނިންމި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް އާންމު ކޮށްފައެވެ. މި މައްސަލަ އެކި ގޮތްގޮތުން ލަސްވިއިރު، ހުކުމް ވެސް ކުރީ ޝަރީއަތް ނިމުނުތާ އަހަރެއް ފަހުންނެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ހުކުމުގައި ބުނެފައި ވަނީ ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ކުށުގެ ތުހުމަތުގައި ތިބި މީހުންކަން ކަށަވަރު ކުރުމުގެ އިތުރު އެއްވެސް ހެއްކެއް ނުވަތަ އެއްއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އަދި ސިއްރު ހެކިންގެ، ހެކި ބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ނުވަތަ އެ އަމަލު ހިންގީ އެ މީހުންކަމަށް ޝަރީއަތަށް ސާބިތު ކުރެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ކޯލް ޑީޓެއިލްތަކުގެ ޗާޓު ހުށަހަޅާފައިވީ ނަމަވެސް، އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ނެތް ހެއްކެއް ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން ދަށު ކޯޓުން މިނިވަންވެފައި ވާތީ އާއިލާއާއި، އާންމު ރައްޔިތުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. މި މައްސަލައިގައި ސަރުކާރުން ބުނީ ބޮޑެތި ކުށްތަށް ކުރުމަށް ފަހު ކުށްވެރިންނަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ނަތީޖާ ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް އަދުލުވެރި ފަނޑިޔާރުގެ އެއް ގާއިމު ކުރުމަކީ މިސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރާނެ އެއް ކަންތައް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ