މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7.5 ލައްކައަށް ވުރެ މަތިވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 762,125 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އަދިވެސް އޮތީ ޗައިނާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 81,914 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 10.7 އިންސައްތައެވެ.
ދެވަނާގައި މިހާރު އޮތީ މިދިޔަ އަހަރު ލިސްޓުގެ އެއް ވަނާގައި އޮތް ރަޝިޔާއެވެ. އެގައުމުން މިހާތަނަށް 76,138 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި މިހާރު އޮތް އިނގިރޭސި ވިލާތުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 74,626 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,182 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 844 ގެސްޓްހައުސްގެ އިތުރުން 147 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,232 އެނދު އޮޕަރޭޓްކުރެއެވެ.