ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އާންމު ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ވަނީ ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ސަމާލުވާންވީ ކަންކަން ހިއްސާކޮށްފައެވެ.
އެގޮތުން ބުއިމަށާއި ކެއްކުމަށާއި ތަށި ދޮވުމަށް ފުޅީގައި ބަންދުކުރި ފެން ކެއްކި ވާރޭފެން ނުވަތަ ސަޕްލައި ފެން ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން ނަރުދަމާ, ސެޕްޓިކްޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކުލޮރިން ކުރުން މުހިންމުކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕަބްލިކް ހެލްތު ޔުނިޓަށް އެންގުމަށް އެދިފައެވެ.
އަދި މަގުތަކުގައި ހެދިފައި ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދިނުމަށް ވެސް އެ އެޖެންސީގެ ވީޑިއޯ މެސެޖުގައި އެދިފައިވެއެވެ.
ހަމައެއާއެކު ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ކެއުމުގެ ކުރިން އަދި ފާޚާނާ ކުރުމުގެ ފަހުން ސައިބޯނި ލައިގެން އަތްދޮވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.