ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފިނޭންސް މިނިސްޓަރުގެ މި ދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޑރ. ޝަފީގް ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ.
އޭގެތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ހިމެނެއެވެ.
ފިނޭންސް މިނިސްޓަރާއެކު މި ބައްދަލުވުންތަކުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ތަރައްގީކުރުމާއި ގުޅޭގޮތުންނާއި އިންސާނީ ވަސީލަތް ތަރައްގީކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަމާއި ގުޅިގެން މަޝްވަރާކުރައްވާފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނިގޮތުގައި ދިވެހި ސަރުކާރުގެ ވަފްދުގެ ބޭފުޅުން ވަނީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ރައީސްއާވެސް ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އެ ފަންޑުގެ އެހީތެރިކަމާއެކު ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައްޗަށް އަލިޅުއްވާލައްވާފައިވާއިރު ކުރިއަށް އޮތްތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ސީއީއޯ އަރިހަށްވެސް ސަރުކާރުގެ ވަފްދުގެ ބޭފުޅުން ޒިޔާރަތްކުރައްވާފައިވާއިރު މި ޒިޔާރަތުގައި ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.