މ. ފާގަތިގެ ވެރިޔާ ސުލްތާނާ އަހުމަދަށް އޮޅުވާލައިގެން އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިން އަހުމަދު އެގޭގެ އެޕާޓުމެންޓުތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކަމަށްބުނެ އެޑްވާންސަށް ފައިސާ ނެގުމަށްފަހު، އެޕާޓުމެންޓް ހަވާލުނުކޮށް ހިންގި ސްކޭމުގެ ފައިސާ, ގޭގެ ވެރި ފަރާތުން ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ދައުވާ އުފުލާފައި ވަނީ ސުލްޠާނާ އަޙުމަދުގެ މައްޗަށެވެ. ދަޢުވާ ކޮށްފައިވަނީ ސުލްތާނާގެ ދަރިފުޅު ހިންގި ސްކޭމުގެ ތެރެއިން ފާގަތިގޭގެ ހަތަރު ވަނަ ފްލޯގައި ހުރި ތިން ކޮޓަރީގެ އެޕާޓުމެންޓެއް ކުއްޔަށް ނެގުމަށް ފައިސާދެއްކި ސ. ފޭދޫ، ފިލިގަސްދޮށުގެ، ހައްވާ ސަދާއެވެ.
ސިވިލް ކޯޓުގައި ސަދާ އެދިފައިވަނީ އެގްރީމެންޓާ އެއްގޮތަށް އެޕާޓްމަންޓް ހަވާލުކުރުމަށް ނުވަތަ އޭނާ އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް ސުލްތާނާގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ދައުވާތަކަށް ސުލްތާނާ ވަނީ ކޯޓުގައި އިންކާރުކޮށްފައެވެ. އަދި މީގެއިން އެއްވެސް ފައިސާއެއް އޭނާ އަށް ލިބިފައިނުވާ ކަމަށާއި މިއީ އޭނާ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.
މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމާއި ހެކިބަހުން ދައްކާ ގޮތުގައި ހައްވާ ސަދާ އެޑްވާންސް ފައިސާ ދައްކާފައި ވަނީ ހުނައިންއަށެވެ. މި ފައިސާ ސުލްތާނާއަށް ލިބިފައިނުވާތީ އޭނާ މިފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި އެޕާޓްމަންޓުވެސް ސަދާއަށް ދޭން ނުޖެހޭނެކަމަށް ހުކުމުގައި ވެއެވެ.