ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް، ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޔާސީން އަބްދުﷲ، ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
މިދިޔަ އާދިއްޔަ ދުވަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޔާސީން ނައިފަރު ދާއިރާއަށް ހޮވުނީ 1،038 ވޯޓުންނެވެ. އެ ދާއިރާއަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 880 ވޯޓެވެ.
ޔާސީން އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވުމުންނެވެ.
ޔާސީން ޕީއެންސީއަށް ސޮއިކުރެއްވިއިރު، މެންބަރުން ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭ ގޮތައް އެންޓި ޑިފެކްޝަން ބިލު މި މަހު 16 ގައި ރައީސް ވަނީ ތަސްދީގުކުރައްވާފަ އެވެ. އެ ގާނޫނުގައި ވާގޮތުން، މަޖިލީހަށް މެންބަރު އިންތިހާބުވާއިރު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭނެ އެވެ.
އެކަމަކު، އެ ގާނޫނު ހިނގާނީ މެންބަރުގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެވެ. ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މިދިޔަ އާދިއްތަ ދުވަހު އިންތިހާބުކުރި މެންބަރުންގެ ދައުރު އަދި ނުފެށެ އެވެ. އެ މެންބަރުން ހުވާކުރައްވާނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
މިހާރު އޮތް 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި 15 ވަނަ ދުވަހު އެވެ.
ޔާސީންގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވައި ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމް އަބްދުލް އަޒީޒް ވެސް މިއަދު ވަނީ ޕީއެންސީއާ ގުޅިފަ އެވެ.
އިތުރު ދެ މެންބަރަކު ޕީއެންސީއާ ގުޅުނުއިރު، ނިމިދިޔަ މަޖިލިސް އިންތިހާބުން 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 12 ގޮނޑި އެވެ.