މިއަދަށް ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކޯރަމް ހަމަވާވަރަށް މެންބަރުން ހާޒިރު ނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ފަށާ ގަޑި ކަމުގައިވާ 9:00 ގައި ޖަލްސާ ފައްޓަވަމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކޯރަމް ހަމަވާ ވަރަށް މަޖިލީހުގައި މެންބަރުން ހާޒިރުވެ ނެތް ކަމަށެވެ.
އެހެންވެ، ކޯރަމް ހަމަވޭތޯ ބެލުމަށް 30 މިނެޓުގެ ވަގުތެއް ދިނުމަށްފަހު، އެ ވަގުތުގައިވެސް ކޯރަމް ހަމަނުވުމުން 9:30 ގައި ޖަލްސާ ނިންމާލިކަން އިއުލާން ކުރެއްވި އެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއާ ސުވާލު ކުރުމަށް ވެސް އޮތީ ހިމަނާފަ އެވެ. ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލިއިރު، މިނިސްޓަރުވެސް މަޖިލީހަށް ހާޒިރުވެ އިންނެވި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބާ ގުޅިގެން ތިން ހަފްތާއަށް ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށްފަހު ފުރަތަމަ މަޖިލީހުގެ ޖަލްސާއެއް ބޭއްވި އިއްޔެ އެވެ. އިއްޔެގެ ޖަލްސާގެ ކޯރަމް ހަމަވި ނަމަވެސް ހާޒިރުވީ މެންބަރުން މަދުކަމުން، ބައެއް ކަންކަމުގައި ވޯޓަށް އެހުން އޮތީ މިއަދަށް ފަސްކޮށްފަ އެވެ.
ގަވާއިދުގައި ވާގޮތުން، މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި 15 ގަ އެވެ. އަދި މަޖިލީހަށް އަލަށް އިންތިހާބުވީ މެންބަރުން ހުވާކުރައްވާނީ މެއި 28ގަ އެވެ.