Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެވެށި އަނިޔާ

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވޭނީ އެފަދަ މީހުނާ ދޭތެރޭ މުޖުތަމައު ދެކޭގޮތް ބަދަލުކޮށްގެން: އެފްޕީއޭ

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވޭނީ އެފަދަ މީހުނާ ދޭތެރޭ މުޖުތަމައުއިން ދެކޭގޮތް ބަދަލުކޮށްގެންކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އައިމިނަތު ޝިރާނީ ނައީމް ވިދާޅުވެއްޖެއެވެ.

ޝިރާނީ މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގެ ތެރެއިންނެވެ.

މިއަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިތާ 12 އަހަރުވާ ދުވަހަށް ވާއިރު ގެވެށި އަނިޔާއާއި ބެހޭގޮތުން ޝިރާނީ ވިދާޅުވީ އެކަން ހުއްޓުވުމަށްޓަކައި އެފަދަ މީހުންނާއި ދޭތެރޭ މުޖުތަމައުއިން ދެކޭގޮތް ބަދަލުކުރުމުގެ އިތުރުން މުޖުތަމައުގެ ވިސްނުން ބަދަލުކުރަންޖެހޭކަމަށެވެ.

މީގެ އިތުރުން ޝިރާނީ ވިދާޅުވީ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ޝިރާނީ ފާހަގަކުރައްވާފައިވަނީ އެފަދަ ޖަރީމާތަކުގެ ޝިކާރައަކަށްވާ މީހުނާ ދޭތެރޭ މުޖުތަމައުން ގެންގުޅޭ ވިސްނުންކަމަށެވެ. އަދި ހަމައެހެންމެ، މިކަހަލަ މައްސަލަތަކުގައި މުޖުތަމައުއިން ގެންގުޅޭ ޖިންސީ ތަފާތުކުރުން ޝިރާނީ ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މުޖުތަމައުގެ ތެރޭގައި އޮންނަ ޖިންސީ ތަފާތުކުރުން ނައްތާލުމަކީ އެފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އެޅޭނެ ބޮޑު ފިޔަވަޅެއްކަން ޝިރާނީ ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން، އެފަދަ ހަޑި އަމަލުތަކުގެ ޝިކާރައަކަށްވާ މީހުނަށް ދޭންވާ އެހީތެރިކަމާއި ހިމާޔަތަކީ މުޖުތަމައުއިން ލިބެންޖެހޭ އެއްޗެއްކަމަށް ޝިރާނީ ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ކުށްވެރިކުރުމުގެ އުސޫލު ދިވެހިންގެ ތެރޭގައި ފެންނަކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން އެފަދަ ކުށްތައް ހުއްޓަން އުނދަގޫވެ އޭގެ ޝިކާރައަކަށް އެތައް ބަޔަކުވެ، އެ ފަދަ އަމަލުތަކުން ކުރިމަތިވާ ގެއްލުންތަކާއި އެތައް ބަޔަކު ކުރިމަތިލާން ޖެހޭކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

އެހެންކަމުން، އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމާއި ދަރިމައިވުމުގެ ސިއްހަތައް ގެއްލުންވާކަން ޝިރާނީ ފާހަގަކުރެއްވިއެވެ.

މުޖުތަމަޢުގައި އަނިޔާ ލިބޭ މީހުންނަކީ މީހެއްގެ ގޮތުގައި ބަލައިނުގަނޭ. މިއީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންޖެހޭ ހިސާބަކީ. ބައެއް މީހުންގެ ހުންނަނީ އަނިޔާ ލިބޭ މީހާ ޒިންމާ ނަގަންޖެހޭ ވިސްނުން.
ޝިރާނީ ވިދާޅުވިއެވެ.

އަދި، އެފަދަ ކަންކަމަށް އެންމެ އެދެވޭ ފަރުވާ ދިނުމަށްޓަކައި އެފަދަ އަނިޔާއެއްގެ ޝިކާރައަކަށްވާ ފަރާތާއި ގާތުން މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމްކުރަން ޖެހިފައިވާކަން ޝިރާނީ ފާހަގަކުރެއްވިއެވެ. މިހާތަނަށް އެފަދަ މައްސަލަތަކުގައި މޮނީޓަރ ކުރުމަށް އެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީ ބޭނުންކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ މައްސަލަތަކަށް އެދެވޭ ބަދަލެއް ފެންނާނީ އެފަދަ ކަންކަމުގައި އަނިޔާ ލިބޭ ފަރާތްތަކަށް ލިބެންޖެހޭ އެހީ ފޯރުވާދެވޭނެ ވަސީލަތްތަކެއް ގާއިމްވެފައި ހުރެގެންކަމަށް އޭނާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުގައި ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ