Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އިންޓަ މިލާނުން 20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

ވާދަވެރި އޭސީ މިލާން 2-1 އިން ބަލިކޮށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް އިންޓަ މިލާނުން ކާމިޔާބުކޮށްފި އެވެ.

އިންޓަ ޗެމްޕިއަންކަން ކަށަވަރުކުރީ 33 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 33 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތް 5 މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އިންޓަ އަށް އެއް ވަނަ މަގާމް ލިބޭނެ އެވެ.

ލީގު 20 ވަނަ ތައްޓާ އެކު އިންޓަ ވަނީ އޭސީ މިލާން ފަހަތަށް ޖައްސާލާފަ އެވެ. އޭސީ މިލާނަށް ލިބިފައިވަނީ 19 ލީގު ތައްޓެވެ.

މިއީ 2010 ވަނަ އަހަރުގެ ފަހުން އިންޓަ އަށް ލީގު ޗެމްޕިއަންކަން ލިބުނު ދެ ވަނަ ފަހަރެވެ. މިފަހަރުގެ ލީގުގެ ކުރިން އެޓީމު ޗެމްޕިއަންކަން ހޯދީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި 2021 ވަނަ އަހަރު އެވެ.

ސިމިއޯން އިންޒާގީގެ ކޯޗުކަމުގައި އެޓީމު މި ސީޒަނުގައި އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގު ޗެމްޕިއަންކަން ހޯދިއިރު އެންމެ ފަހުން ލީގުގައި ކުޅުނު 27 މެޗުން ބަލިވެފައެއްނުވެ އެވެ.

ލީގުގައި މިހާތަނަށް 79 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ އެންމެ 18 ގޯލެވެ.

ރޭގެ މޮޅަކީ އޭސީ މިލާންއާ ވާދަކޮށް އިންޓަ އިން ޖެހިޖެހިގެން މޮޅުވި 6 ވަނަ މެޗެވެ.

ރޭގެ މެޗުގައި އިންޓަގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ޖެހީ ފްރަންސެސްކޯ އަކާބީ އެވެ. ދެ ވަނަ ގޯލު 49 ވަނަ މިނެޓުގައި ޖެހީ މާކަސް ތުރަމް އެވެ. މިލާންގެ ހަމައެކަނި ގޯލު 80 ވަނަ މިނެޓުގައި ޖެހީ ފިކަޔޯ ޓިމޯރީ އެވެ.

މެޗުގެ އިތުރު ވަގުތުގައި މައްސަލަ ބޮޑުވެ ތިން ރަތް ކާޑު ދެއްކި އެވެ. ރަތް ކާޑު ދެއްކީ އިންޓަ ޑެންޒަލް ޑަމްފްރީސް އަށާއި މިލާންގެ ތިއޯ ހެނާންޑޭޒް އަދި ޑޭވިޑް ކަލަބްރިއާ އަށެވެ.

މި ލިއުމާއި ގުޅޭ