މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ޖެހި ގޯލާ އެކު 2-3 އިން ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް މި ސީޒަނުގެ ސްޕެނިޝް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ރެއާލްގެ ދަނޑުގައި ރޭ އެލް ކްލެސިކޯ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ކުރީކޮޅު ބާސެލޯނާ އިން ލީޑު ނެގީ އަންދްރެސް ކްރިސްޓިއެންސަން ޖެހި ގޯލުންނެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ވިނީޝިއުސް ޖޫނިއާ އެވެ. އެއީ ވިނީޝިއުސް މިފަހަރު ލީގުގައި ޖެހި 13 ވަނަ ގޯލެވެ.
ބާސެލޯނާ އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 69 ވަނަ މިނެޓުގައި މިޑްފީލްޑަރު ފާމިން ލޮޕޭޒް ޖެހި ގޯލުންނެވެ. ރެއާލުން ވަނީ އޭގެ އިރުކޮޅެއް ފަހުން ލޫޒް ވަޒްކޭޒްގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ.
އެއްވަރުވާން ދަނިކޮށް ރެއާލް މޮޅުވި ބެލިންހަމް ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މޮޅާ އެކު ރެއާލަށް އެއް ވަނައިގައި ވަނީ 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެޓީމު އެއް ވަނައިގައި އޮތީ 32 މެޗުން 81 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 32 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ.
ލީގުގައި ބާކީ 6 މެޗު އޮތުމާ އެކު މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ރެއާލް ހޯދާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.
ލީގުގެ އިތުރުން ރެއާލުން އަންނަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓަށް ވެސް ވާދަކުރަމުންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ރެއާލް ނުކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ.
ރަނގަޅު ފޯމެއްގައި އޮތް ރެއާލް އެންމެ ފަހުން ކުޅުނު 28 މެޗުން ވެސް ބަލިވެފައެއްނުވެ އެވެ. އޭގެތެރެއިން 22 މެޗުން މޮޅުވިއިރު 6 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރެއާލް އެންމެ ފަހުން އަމިއްލަ ދަނޑުގައި މެޗަކުން ބަލިވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ވިޔަރެއާލް އަތުންނެވެ.
ސްޕެނިޝް ލީގުގެ ތިން ވަނައިގައި އޮތީ 68 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. އެތުލެޓިކޯ ރޭ ވަނީ ރަށުން ބޭރުގައި ޑިޕޯޓިވޯ އަލަވޭސް އަތުން 0-2 އިން ބަލިވެފަ އެވެ.