ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސިޓީކަމަށްވާ މާލެ ސިޓީއާއި އައްޑޫ ސިޓީގެ އިތުރަށް ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އިން ކާމިޔާބުކޮށްފިއެވެ.
މާލޭގެ މުހިއްމު ދާއިރާތަކުގެ ތެރެއިން، އެމްޑީޕީން ޒަމާނުއްސުރެ ކާމިޔާބުކުރަމުން އައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާ ހުސައިން ކާމިޔާބުކުރައްވާފައެވެ.
އޭގެ އިތުރަށް ހެންވޭރު ހުޅަނގު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އަދި ވިލިމާލެއާއި ހުޅުމާލޭގެ ގިނަ ދާއިރާތައްވެސް އެ ޕާޓީން ކާމިޔާބުކޮށްފިއެވެ.
އޭގެ އިތުރަށް އައްޑޫ ސިޓީގެ 8 ގޮނޑީގެ ތެރެއިން 5 ގޮނޑި ޕީއެންސީން ނަގާފައިވެއެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އައްޑޫން އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ.
ފުވައްމުލައް ސިޓީގެ ތިން ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.
މިއަދުގެ އިންތިޚާބުގައި މިހާތަނަށް ޕީއެންސީންވަނީ 50 އަށްވުރެ ގިނަ ގޮނޑި ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީން އަޣުލަބިއްޔަތު ދަމަހައްޓަމުން އައި ގިނަ ދާއިރާތަކެއް ހިމެނެއެވެ.