Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ކުރިން ރައީސް އިބްރާހިމް ވެސް ވިދާޅުވީ ސަރުކާރަށް އަޣްލިބިއްޔަތު ނުލިބިއްޖެނަމަ ބަޣާވާތްކުރާނޭ

ރައްޔިތުންގެ މަޖިލީހުގެ އަޣްލިބިއްޔަތު ސަރުކާރަށް ނުލިބިއްޖެނަމަ ބަޣާވާތްކުރާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ވިދާޅުވެފައިވާކަން ހާމަވެއްޖެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންތެރެއިން ރައީސް އިބްރާހިމް ވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނީ ބާރު ހޯދައިދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ރައްޔިތުންގެ މަޖިލީހުގައި ތިބެން އެބަ ޖެހޭ އެއަށް ތާއީދު ކުރާ ގަބޫލުކުރާ މެންބަރުން، އަދި އަޣްލިބިއްޔަތު އެތަނުގައި އަޅުގަނޑުމެންނަށް އޮންނަން ޖެހޭ، އެހެން ނޫނީ ކުރިއެކޭވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތި ލާން ޖެހޭނީ ސަރުކާރު ހުއްޓި ވައުދުތައް ނުފުއްދި އެންމެ ފަހުން ބޮޑު ބަޣާވާތަކާ ދިމާލަށް މިސްރާބު ޖެހުން" ރައީސް އިބްރާހިމް އޭރު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ވެރިކަމަކަށް ދެވަނަ ފަހަރަށް އެފަދަކަމެއް ކުރިމަތިލާން ޖެހުމަކީ މި ގައުމު އަނެއްކާވެސް އެތައް އަހަރުތަކަކަށް ފަހަތަށް ފޭދިގެންދާނެ ކަމެއްކަމަށެވެ.

"އެހެންކަމުން ތިބޭފުޅުން ވިސްނައި ވަޑައިގެން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މިކަންތައްތަކަށް ވިސްނާ ވަޑައިގެން ރައްޔިތުން މަޖިލީހަށް އަޅުގަނޑުމެން މިވީ ވައުދުތައް ފުއްދުމަށްޓަކައި ތާއީދުކުރާ އެކަން ގަބޫލުކުރާ މެންބަރުން ހޮވުމަކީ ވަރަށް މުހިއްމު ބޭނުންތެރިކަމެއް" ރައީސް އިބްރާހިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣްލިބިއްޔަތު ސަރުކާރަށް މުހިއްމުކަމަށް ރައީސް އިބްރާހިމް އޭރު ވިދާޅުވެފައިވާއިރު އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުން ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ބަބަޣާވާތްކުމުގެ ވިސްނުން އެބޭފުޅުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރިޔަސް، އެބޭފުޅުންގެ ހިތުގައި އޮތީ ބަޣާވާތްކުރުން ކަމަށެވެ.

"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުލިބޭނެއޭ ތިމަންނަމެން ޕްލޭން ކުރަނީ ސަރުކާރު ބަދަލުކުރަންށޭ މަޖިލިސް ތެރެއިން. ކުރިން އެ ވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީކުރުވުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީކުރުމުގެ ވާހަކަ ދެއްކިޔަސް، ފަހުން އެ ވާހަކަ އަސްލު އެ ބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު އެ ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފުޒުތައް."

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހޮވިއްޖެނަމަ އިސްކުރާނީ އެ ޕާޓީގެ ފިކުރު ކަމަށެވެ. އަދި ބަޣާވާތްކުރުން ފަދަ ނުތަނަވަސްކަމަކަށް ގައުމު ދިޔަ ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގައުމުގެ ތަރައްގީ ޔަގީން ކުރުމަށް، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް އަދި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ޖަވާބުދާރީކުރުވުމުގެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓުންނަކީ ޒިންމާދާރު ބައެއް ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެ ކެންޑިޑޭޓުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެމްޑީޕީގެ ލީޑާޝިޕުން މީގެ ކުރިންވެސް ވަނީ މަޖިލިސް ތެރެއިން ރައީސް ޑރ. މުއިއްޒު އަޒުލުކުރުމުގެ މަސައްކަތް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ