Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ކުރީ ސަރުކާރުގެ ބަދަލު ދިނުން: މަޑޫގަލި 50 އަހަރަށް ދިނުމާއެކު އިތުރު 3 ރަށް ދޫކުރި

އއ.މަޑޫގަލި މައްސަލައާ ގުޅިގެން ރިސޯޓު ތަރައްޤީކުރުމަށް އެ ރަށް ކުއްޔަށް ނަގާފައިވާ ބްލޫ ލެގޫން އިންވެސްޓުމެންޓްސްއަށް މަޑޫގަލި އަލުން ކުއްޔަށް ދޫކުރުމާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ރަށެއް ކުރީ ސަރުކާރުން ދޫކުރިކަން ހާމަވެއްޖެއެވެ.

"ދިޔަރެސް"އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަޑޫގަލި މައްސަލާގައި އެ ރަށް ދީފައިވަނީ ކުރިންވެސް އެ ރަށް ލިބިފައި އޮތް ބްލޫ ލެގޫން އިންވެސްޓުމެންޓު ޕްރައިވެޓް ލިމިޓަޑަށެވެ. އަދި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި އިތުރު 3 ރަށްވެސް އެ ސަރުކާރުން ދިނެވެ.

މި މައްސަލައަކީ މަޑޫގަލީގައި ބްލޫ ލެގޫނުން ތަރައްޤީކުރި ރިސޯޓު ތަރައްޤީކުރުމުގައި ކަނޑައަޅާފައިވާ ފެންވަރަށްވުރެ ދަށްކޮށް ތަރައްޤީކޮށްފައިވާތީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އެ ކުންފުންޏަށް ފޮނުވި ނޯޓިސް ނުބައި އެޑްރެސްއަކަށް ފޮނުވުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ބްލޫ ލެގޫން ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލާގައި އެ ކުންފުންޏަށް ބަދަލެއް ދޭންޖެހޭނެކަމަށް ނުވަތަ ބަދަލުގެ ގޮތުގައި ދޭންޖެހޭނީ ކިހައި މިންވަރެއްކަން ކޯޓުން ކަނޑައަޅާފައިނުވެއެވެ. އެއީ ދައުވާކުރިއިރު އެ ކުންފުނިން ބަދަލެއް ހޯދުމަށް އެދިފައިނުވާތީއެވެ.

އެ މައްސަލާގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ 2013 ވަނަ އަހަރު 1 މިލިއަން ރުފިޔާއިން ބްލޫ ލެގޫން ޖޫރިމަނާކުރަން ފޮނުވި ނޯޓިސް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށެވެ.

އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް ކަމުގައި ބުނެ ސެޓުލްމެންޓު ކޮމިޓީންވަނީ އއ.މަޑޫގަލި އަލުން ބްލޫ ލެގޫން ކުންފުންޏަށް 50 އަހަރަށް ކުއްޔަށް ދޫކޮށް އެ ރަށުގެ ކޮންސްޓްރަކްޝަން ޕީރިއަޑެއްގެ ގޮތުގައި 6 އަހަރު ހަމަޖައްސާފައެވެ.

އޭގެ އިތުރަށް އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،000،000 (ވިހި މިލިއަން) އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވުމަށްފަހު އެ ފައިސާގެ ބަދަލުގައި ތިން ރަށެއް އެ ކުންފުންޏަށް ދިނުމަށް ސެޓުލްމެންޓު ކޮމިޓީން ނިންމިއެވެ.

އެއީ 4.45 ހެކްޓަރުގެ ރ.ވިލިނގިއްޔާއި، 8.22 ހެކްޓަރުގެ ރ.ތާވަތާއާއި، 5.84 ހެކްޓަރުގެ ނ.އޮރިމަސްވަަރެވެ. މި ހުރިހާ ރަށެއްވެސް އެ ކުންފުންޏަށް ދީފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ ރަށްތައް އަގުކުރުމަށްފަހު ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި ފައިސާއިން 8.4 މިލިއަން ޑޮލަރު ބާކީވާކަމަށް ނިންމައި އެ ފައިސާއަކީ އެ ރަށްތަކުގެ އެޑްވާންސް ކުލިކަމަށް ކަނޑައަޅައި ކުލިން އެ ފައިސާ އުނިކުރުމަށްވެސް އެއިރުގެ ސަރުކާރުން ނިންމާފައިވެއެވެ.

ރައީސް އިބްރާހީމުގެ ވެރިކަމުގެ ކުރީ ކޮޅުގައި ވަކި އުސޫލެއް ނެތި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެކި ކުންފުނިތަކަށް ދޫކުރުމަށްފަހު، ވެރިކަމުގެ ފަހުކޮޅުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލާ، އެ އުސޫލުގެ ދަށުން ބަދަލު ދިނުމަށް ސެޓުލްމެންޓު ކޮމިޓީއެއް އެކުލަވައިލިއެވެ.

މި ސެޓުލްމެންޓު ކޮމިޓީންވަނީ ފަައިސާއާއި ހަރުމުދަލުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ބަދަލުތައް ހަމަޖައްސާފައެވެ.

މި ލިއުމާއި ގުޅޭ