ގައުމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި ކުރިއަށްދާންވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.
ގައުމުގެ މިސްރާބު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށް ބުނެ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން މަސައްކަތް ކުރަމުންދާއިރު ޑރ.ޝަހީމް ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ސާބިތުކަމާއެކު ރައީސް ޑރ.މުޢިއްޒާއެކު ކުރިއަށްދާންވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''ރައީސްއަށް ފުރިހަމަ ކާމިޔާބަށް އެދެން.'' ޑރ.ޝަހީމް ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އިސްކުރައްވާނީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި މަސައްކަތްޕުޅު ކުރައްވާނީ ނަތީޖާ ނެރެދެއްވުމަށް ކަމަށާއި އެކަން ކުރެއްވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.