Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

"ޔާމީން މިނިވަންވުމުން ހާމަވީ ރައީސްގެ ވައުދު ފުއްދަވައި ޖުޑިޝަރީ މިނިވަންކޮށްފިކަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިދިޔަ ސަރުކާރުގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިއްޔެ ބާތިލްކުރުމުން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުއްދަވައި ޖުޑިޝަރީ މިނިވަންކޮށްފައިވާކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބުނެފި އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރި ފަހުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭގޮތް ނުވުމުން، ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބުކުރެއްވި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި، ރައީސް ޔާމީނަށް އިންސާފުވެރި ނުފޫޒުން އެއްކިބާވެފައިވާ ޝަރީއަތެއް ހޯދައިދިނުން ހިމެނެ އެވެ.
ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ދައުލަތުން އުފުލި މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25، 2022 ގައި އިއްވި 11 އަހަރުގެ ހުކުމް ހައިކޯޓުން އިއްޔެ ބާތިލްކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެފަ އެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށްދީފި ކަމަށް ވިދާޅުވެ، ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
"ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއވައިފީމު. ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު. ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ އަމަލާ ދިމާވާ ވެރިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާތަނަށްވެސް ރައީސް ޔާމީންގެ ޝަރިއަތް ލަސްކުރީ ސިޔާސީ ބޭނުމުގައި އެމްޑީޕީގެ ނުފޫޒުން ކަމާއި، މިއަދު މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ވޯޓު އެމްޑީޕީއަށް ހޯދުމަށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާކަން އެނގި ހާމަވެފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާތީ އުފާކުރާ ކަމަށާއި ރައީސް ޔާމީން މިނިވަންވުމަކީ ހިތަށް ތަސައްލީ ލިބުނު ކަމެއް ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވެސް ވަނީ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ ޑިސެމްބަރު މަހު ނިންމާލި ފަހުން ވެސް އެ މައްސަލައިގެ ހުކުމްނުކުރެވި ހަތަރު މަސް ދުވަސް ހޭދަވެގެންދިޔަ އެވެ. އެ މައްސަލަ ލަސްވުމާ ގުޅިގެން ސަރުކާރަށް ރައީސް ޔާމީނާއި އެމަނިކުފާނު އިސްވެ ހުންނަވައި އަލަށް އުފެއްދެވި ޕީއެންއެފްގެ ލީޑަރުންގެ ފާޑުވިދާޅުވުން އަމާޒުވި އެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހާމަވެގެން ދިޔައީ ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގުން އެމަނިކުފާނު މަހުރޫމުކުރީ އެމްޑީޕީންކަން ކަމަށެވެ.
"މިއަދު ރައީސް ޔާމީން މިނިވަންވެގެން އެދިޔައީ ޝަރުއީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއްނެތި. ރައީސް މުއިއްޒު މަނިކުފާނުގެ ވަޢުދުފުޅު ފުއްދަވައިފި. ޖުޑިޝަރީގެ މައްޗަށް ރައީސްގެ ނުފޫޒެއްނެތްކަން ވަރަށް ސާފުކޮށް ސާބިތުވެއްޖެ،" ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުޑިޝަރީ މިއަދުން ފެށިގެން މިނިވަން ވާނެ ކަމަށް ރައީސް މުއިއްޒު ހުވާކުރެއްވި ދުވަހު އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި، އޭގެ އެންމެ އަލިގަދަ ހެއްކަކީ ރައީސް ޔާމިނަށް މިނިވަންކަން ލިބުން ކަމަށެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ރައީސް މުއިއްޒު އިންތިހާބު ނުކުރެއްވި ނަމަ، ރައީސް ޔާމީން އަދިވެސް އެމްޑީޕީން ބާއްވާނީ ޖަލުގަކަން ކަށްވަރު. ރައީސް މުއިއްޒުގެ ބަހާ އަމަލާ ދިމާވާނެ. ޝުކުރިއްޔާ ރައީސް މުއިއްޒު، މަރުހަބާ ރައީސް ޔާމީން،" ޝުޖާއު ވިދާޅުވި އެވެ.
އިއްޔެ ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު އެމަނިކުފާނުގެ ފަރާތްޕުޅުން ޝަރީޢަތުގެ ކުރިން ހުށަހެޅުއްވި ކަންކަން ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންސާފު ލިބުމުގެ ހައްގަށް އުނިކަން ލިބިފައިވާކަމަށެވެ. އޭގެ އިތުރަށް ދައުވާ އުފުލާފައިވާ މާއްދާގައި ބަޔާންކުރާ ކުށުގެ ރުކުންތައް ފުރިހަމަވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަންވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ