އަންނަ ޖޫންމަހުން ފެށިގެން ކައުންޓަރުން ދެމުން އަންނަ ފައިސާ ބަލައިގަތުމުގެ ޚިދުމަތް އާއްމޮކޮށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ދިނުން ހުއްޓާލާނެ ކަމަށާއި މިއާއެކު ކާގޯ ޚިދުމަތްތަކާބެހޭ ހުރިހާ ފައިސާއެއް ބަލައިގަންނާނީ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްއޭސީއެލްއިން މިއަދު ބުނީ އޭޖެންޓް ޕޯޓަލް އިން ފައިސާ ދެއްކުމަށް ޕީޑީ އެކައުންޓްގެ ޚިދުމަތަށް އެދިލެއްވުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ. އަދި އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ޕޭމަންޓް ބަލައިގަނެވޭނީ އެމުދަލެއްގެ ޑޮކިއުމެންޓޭޝަން ފުރިހަމަ ކުރެވި ކާގޯ ޓެލީ މަރުހަލާ ނިމުމުން ކަމަށް އެމްއޭސީއެލްއިން މިއަދު ބުންޏެވެ.
އެގޮތުން މި މަސައްކަތްތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ގަޑި ތަކަކީ :
ޕެރިޝަބަލް ކާގޯ – ފްލައިޓް ޖައްސާގަޑިން ފެށިގެން 3 ގަޑިއިރު
ޖެނެރަލް ކާގޯ - ފްލައިޓް ޖައްސާގަޑިން ފެށިގެން 6 ގަޑިއިރު
އެމްއޭސީއެލްއިން ބުނީ ކާގޯ އޭޖެންޓް ޕޯޓަލްގެ ޚިދުމަތް އެމްއޭސީއެލް ކާގޯގެ ކަސްޓަމަރ ސަރވިސް އޭރިޔާގައި ބެހެއްޓިފައިވާ ކިއޮސްކު މެދުވެރިކޮށް ވެސް ލިބިލައްވާނެ ކަމަށެވެ.
މަތީގައި ބަޔާންކޮށްފައިވާ ގަޑިތަކުގެ އިތުރަށް އެއްވެސް ލަސްކަމެއް ނުވަތަ މައްސަލައެއް ދިމާވާނަމަ ކަސްޓަމަރ ސަރވިސްގެ ނަމްބަރ 7420225 އަށް ގުޅުއްވައި ކުރިއަށް ގެންދިޔުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
އެމްއޭސީއެލްއިން ބުނީ މި ބަދަލާއިއެކު ކާގޯ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށްވުރެ އަވަސް އަދި ފަސޭހަ ޚިދުމަތެއް ދެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.