Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

އެފްއޭއެމަށް ލިބުނު 12 މިލިއަން ޑޮލަރުން ބައްސާމް ވަނީ އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަނެފައި: ޕީޖީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ލިބުނު ފައިސާއިން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާގެ އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަނެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)އިން ބުނެފިއެވެ.

ޕީޖީ އޮފީހުން ޝާއިރުކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެފްއޭއެމަށް 2018 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު 2023 އަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން 12.4 މިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ފީފާއިން ދޭ ފައިސާ ޑޮލަރުން ޖަމާކުރުމުން އެފްއޭއެމުން ޑޮލަރު ވިއްކައިގެން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތިކަމަށާއި އެކަން ކޮށްފައިވަނީ އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށެވެ.

އެ ލިޔުމުގައި ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަރޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގު ނިމޭ ވަރަކުން ދައުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެއެވެ.

ބައްސާމްއާ ދެކޮޅަށް މަނީ ލޯންޑަރިންނާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެފްއޭއެމަށް ވަދެ ފާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ