Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހު ހުޅުވައިލަނީ

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވާ އަންގާރަ ދުވަހު ހުޅުވައިލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ މިހާރު އިނާމު ދެއްވަމުން ގެންދާ ދާއިރާތަކާއި ރޮނގުތަކާ ބެހޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ޚިޔާލު ހޯދާފައި ކަމަށާއި އެގޮތުން، ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ދެ ދާއިރާއެއް އިތުރުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން އެއް ދާއިރާއަކީ، ދިވެހި ގައުމިއްޔަތުގެ ދާއިރާއެވެ.
މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

މިއަހަރު އިތުރުކޮށްފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ.

މި ދާއިރާއިން އިނާމު ދިނުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި އެ މީހަކަށް ލިބިފައިވާ ޚާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގެންފައިވާ ޚާއްސަ ޚިދުމަތާއި ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ޚާއްސަ ޚިދުމަތް ހިމެނެއެވެ. އަދި މި ދާއިރާއިން އިނާމު ދިނުމުގައި ބަލާ ގޮތަށް ހަމަޖެހިފައިވަނީ، ޚިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ދެއްވާއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

މި އަހަރު ވެސް ގައުމީ އިނާމު ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މި ލިއުމާއި ގުޅޭ