Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިލަމާލެ ބްރިޖު

ތިލަމާލެ ބްރިޖުގެ ސްޕީޑު އަވަސްކޮސް، ހަތަރު މަހުން %7 ނިންމައިފި

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް މިދިޔަ ސަރުކާރުން ފެށި "ތިލަމާލެ" ބްރިޖު މަޝްރޫއުގެ ސްޕީޑު އަވަސްކޮށް، މިދިޔަ ހަތަރު މަސް ތެރޭގައި ހަތް ޕަސެންޓު މަސައްކަތް ނިންމާލަފާއިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި 25 މަސް ދުވަހުން ނިންމިފައިވަނީ ތިލަމާލެ ބްރިޖުގެ 29 އިންސައްތަ ކަމަށެވެ.
އެކަމަކު، އާ ސަރުކާރު ހަވާލުވި ފަހުން އެ މަޝްރޫއުގެ މަސައްކަތް އަވަސްކޮށް، ފާއިތުވި ހަތަރު މަސްދުވަހުން ބްރިޖުގެ ހަތް ޕަސެންޓު ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އިތުރު ދެ ޖެކަޕް ޕްލެޓްފޯމެއް މިހާރު ގެނައުމަށް ތައްޔާރުވެފައިވާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން ބްރިޖު ސައިޓަށް އެތަކެތި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މޮބިލައިޒޭޝަނަށް ބޭނުންވާ އިތުރު ވަސީލަތްތަކާއެކު، އަޅުގަނޑުމެން އުންމީދު ކުރަނީ މިއަށްވުރެ ވެސް ބާރު ސްޕީޑުގައި ބްރިޖު މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރީ ސަރުކާރު ނިމުނުއިރު އޮތީ ޝެޑިއުލަށްވުރެ މާ ފަހަތުގަ އެވެ.
އެއްބަސްވުން އެކުލަވާލިއިރު އޮތީ، މާލެއިން ގުޅީފަޅާ ހަމައަށް ބްރިޖުން ގުޅައި 27 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ދެފަރާތުން އެއްބަސްވެފައެވެ. އަދި ބުރިޖުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ތިލަފުށްޓާ ހަމައަށް 32 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އޮތް އިރު، މުޅި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށް އޭރު ކަނޑައަޅާފައި އޮތީ 17 މެއި 2024 އަށެވެ.
އެކަމަކު، ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު ނިންމަން އެކި ތާރީހުތައް ދިން ނަމަވެސް އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްނުދިޔަ އެވެ.
ޝެޑިއުލަށް ބްރިޖު ނުނިމުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް އެފްކޮންސްއާއެކު ވަނީ ސަޕްލިމެންޓަރީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މިހާރު ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމަންޖެހޭ ތާރީހަކީ ސެޕްޓެމްބަރު 30، 2026 އެވެ.
އެކަމަކު، އެ މަސައްކަތް ޝެޑިއުލަށް ވުރެ އަވަސްކޮށް، ބްރިޖުގެ ފުރަތަމަ ބައި، މާލެއާއި ވިލިމާލެ ގުޅާލުން އަންނަ އަހަރު ނިމެންވާއިރަށް ނުވަތަ 2025 ގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ.
މި ލިއުމާއި ގުޅޭ