ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ފަސް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އެބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްޙާޤު ޙުސައިނެވެ. އަދި އެ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދެވެ.
ޓްރައިބިއުނަލްގެ މެންބަރުކަމަށް ދެން އައްޔަންކުރެއްވީ، އަލްއުސްތާޛާ ޝަހީމާ ސަލީމާއި އަލްއުސްތާޛާ އިޝާރާ ޢަބްދުލްޢަޒީޒު އަދި އަލްއުސްތާޛާ ސައުސަން ޢަލީ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.