Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހީނާ ވަލީދު

އެމްޑީޕީން ކުރީ މުޑުދާރު ވެރިކަމެއް: ހީނާ

އެމްޑީޕީން މިދިޔަ 5 އަހަރުގައި އަދި ކުރިންވެސް ކޮށްފައިވަނީ ވަރަށް ހަޑި, މުޑުދާރު ވެރިކަމެއް ކަމުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކަނޑައާފައިވާ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ފާހަގަ ކުރެއްވީ އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ރައްޔިތުން އެދިއެދިތިބި އިންސާފު ހޯދައިނުދީ އެމްޑީޕީން ކޮށްފައިވާ ހަޑިމުޑުދާރު ބައެއް ކަންތައްތަކެވެ.

މިގޮތުން އެމްޑީޕީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލީ ވަހީދަށް, އެކި މުނާސަބަތުތަކުގައި އެކިއެކި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވުނުކަން ހީނާ ފާހަގަކުރެއްވިއެވެ.

އަލީ ވަހީދަށް އެމްޑީޕީގެ ސަރުކާރުގެ ކެބިނެޓުގެ އެހެން މިނިސްޓަރަކަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވި ދަޢުވާ އުފުލުނެވެ. ނަމަވެސް އަނިޔާ ލިބުނު އެއްވެސް ކުއްޖަކަށް އިންސާފުހޯދައިދިނުމުގެ ބަދަލުގައި އެމްޑީޕީން ޢަމަލުކޮށްފައިވަނީ އަލީ ވަހީދަށް ސިޔާސީ ކުރިމަގު ހޯދައިދިނުމަށްކަން ހީނާ ފާހަގަކުރެއްވިއެވެ. އަލީ ވަހީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރައްވައި ކެންޕޭންކުރައްވަމުންނެވެ. އަދި މިކެންޕޭނުގައި އެމްޑީޕީގެ އިސްވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލީ ވަހީދުގެ މައްސަލައިގެ އިތުރުންވެސް އެމްޑީޕީން ކޮށްފައިވާ އެތައް ކަމެއް ހީނާ ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސްއޮފީހުގެ މިނިސްޓަރަކު ނޫސްވެރިއަކަށް ފުރައްސާރަ ކުރި މައްސަލަ ނުބެލުނު ކަމަށާއި ތަހުޤީގުވެސް ނުކުރެވުނުކަމަށް ހީނާ ވިދާޅުވިއެވެ. އަދި އޭގެބަދަލުގައި އެމީހަކަށް ދިނީ ސަރުކާރުގެ އިސްމަޤާމުކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ސަރުކާރުގެ ކުންފުންޏެއްގެ ޑީއެމްޑީގެ މަޤާމުގައި ހުންނަވާ, އެކުންފުނީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ފަރާތަކީ އެމްޑީޕީ ސަރުކާރުގެ ފަސްޓްލޭޑީގެ އާޢިލީ ބޭފުޅަކަށް ވުމުން އެބޭފުޅާއަށްވެސް ދެއްވީ ކުރިންހުރި މަޤާމަށްވުރެ މަތީ މަޤާމެއްކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާގެ ވާހަކަފުޅުގައި އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ބޮޑުތަނުން ފެއިލް ވެފައިވާކަމަށް ސިފަކުރެއްވިއެވެ. މިގޮތުން އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު މަގުމަތިން ފެނުމުން އަންހެންކަނބަލުން އިންސާފުނުލިބިގެން ފަހަތުން ދުވިކަންވެސް ހީނާ ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓަރ އިމްރާނަށްވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނެވެ. ނަމަވެސް ދައުރު ނިމިގެންދިޔައިރުވެސް އިމްރާނުގެ މައްސަލަ ނުބެލުނެވެ. އެކަމަކު އަންހެންކުއްޖާ މަގުމަތިން މިނިސްޓަރާއި ސުވާލުކުރި މައްސަލާގައި ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެމްޑީޕީގެ ވެރިކަން ނިމެމުންދިޔަ ދުވަސްވަރުގައި ރިޔާސީ އިންތިޚާބާއި ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް ވަނީ ޖިންސީ އަނިޔާއާއި ފުރައްސާރައިގެ މައްސަލަތަކުގައި ހައްޔަރުގައި ތިބި އެތައް ކުށްވެރިންނެއް ދޫކޮށްލާފައެވެ. މިގޮތުން ބައެއް ކުށްވެރިން ދޫކޮށްލާފައިވަނީ އަދަބު ލުއިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަޢާފުގެ ދަށުންނެވެ.

މި ލިއުމާއި ގުޅޭ