އީރާނުގެ ބެލިސްޓިކް މިސައިލާއި ޑްރޯންތައް މެދުވެރިކޮށް ދިން ހަމަލާތައް ހުއްޓުވުމަށް އިޒްރޭލުން ވަނީ އެއް ރެއެއްގެ ތެރޭގައި 1.5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުގެ ޗީފް އޮފް ސްޓާފްގެ ކުރީގެ ފައިނޭންޝަލް އެޑްވައިޒަރު ބްރިގޭޑިއާ ޖެނެރަލް ރާމް އަމީނާޗް ވިދާޅުވީ މި ހަމަލާތަކުން ދިފާއުވުމަށް 4-5 ބިލިއަން ޝެކޭލްއާ ދެމެދުގެ އަދަދެއްގެ ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. މިއީ ހަމައެކަނި އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމުގައި ކުރަންޖެހޭ ޚަރަދުތަކާއި ގުޅުންހުރި ޚަރަދުތަކެވެ.
މާލީ ހީނަރުކަން ތަފްސީލުކޮށް އަމީނާޗް ފާހަގަކުރައްވަމުން ވިދާޅުވީ ކޮންމެ އެރޯ ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމެއްގައި މިސައިލަކަށް ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރުގެ އަގެއް ހުރި އިރު، އަޔަން ޑޯމް އެއާ ޑިފެންސް ސިސްޓަމްގެ އަގަކީ މިސައިލަކަށް ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރެވެ.
އިޒްރޭލުގެ ދިފާއީ ނިޒާމުތަކުގެ ތެރޭގައި އެރޯ، އަޔަން ޑޯމް އަދި ޑޭވިޑް ސްލިންގް ފަދަ ތަންތަނަށް މި މުއްދަތުގެ ތެރޭގައި އީރާނުގެ 300 މިސައިލާއި ޑްރޯން ވަނީ ކުރިމަތިވެފައެވެ.
އިޒްރޭލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، އިޒްރޭލުގައި އިންޓަސެޕްޝަން ކާމިޔާބީގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 99 އިންސައްތައިގައެވެ.
ނަމަވެސް އީރާނުން މި ވާހަކަތަކާ ދެކޮޅު ހަދަމުން ދަނީ އެގައުމުގެ ބެލިސްޓިކް މިސައިލްތަކުން އިޒްރޭލުގެ މަލްޓި ލޭޔަޑް އެއާ ޑިފެންސް ސިސްޓަމް ފަޅާލައި، ނެވަޓިމް މިލިޓަރީ ބޭސް އާއި ރެމޮން އެއާ ބޭސް ފަދަ ސްޓްރެޓެޖިކް ތަންތަނަށް އަމާޒުވެފައިވާ ކަމަށް ބުނެއެވެ.
މި ބޭސްތަކަކީ އިޒްރޭލުގެ ވައިގެ ދަތުރުތަކަށް ވަރަށް މުހިންމު ބޭސްތަކަކަށް ވާއިރު، އެފް-35އައި އަދިރް އަދި އެފް-16އައި ސުފާ ފަދަ އެޑްވާންސް ފައިޓާ ޖެޓްތައް އެތާންގައިހުރެ އެވެ. އީރާނުގެ މަސްދަރުތަކުން މި އޮޕަރޭޝަނަށް "ޓްރޫ ޕްރޮމިސް" ގެ ނަމުން ނަން ދީފައިވަނީ އިސްރާއީލުގެ އަސްކަރީ މުހިންމު މަރުކަޒުތަކަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފް-35އައި އަދީރު ޖެޓްތައް އޮޕަރޭޓްކުރާ "ގޯލްޑަން އީގަލް ސްކޮޑްރަން" ހުންނަ ނެވަޓިމް އެއާ ބޭސްއަށް މަދުވެގެން 15 މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުންގެ ފުޓޭޖުން ދައްކައެވެ. ހަމައެފަދައިން، އެފް-16އައި ސުފާ ޖެޓުތަކާއި އޭއެޗް-64ޑީ އަޕާޗޭ ހެލިކޮޕްޓަރުތައް ހޯސްޓްކުރާ ރާމޮން އެއާ ބޭސްއަށް ވެސް ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ. މީގެ އިތުރުން ފަލަސްތީނުގެ އުތުރުގައި ހުންނަ މެރޮން މިލިޓަރީ ބޭސް، ސީރިއާ އާއި ލުބްނާނުގައި ހިންގާ އޮޕަރޭޝަންތައް ބަލަހައްޓަމުން އަންނަ މުހިންމު ފެސިލިޓީއަކަށް ވެސް އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވެއެވެ.