އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު, ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާއެޅުން މިރޭ ހަންކެޑެ ސަރަހައްދުގައި އޮންނާނެއެވެ.
އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެންނާނެ މިޕްރޮޖެކްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންނާނީ ހަންކެޑެ ސަރަހައްދުގައި މިރޭ 8:30 އިން 10:00 އަށެވެ.
ލައިވް މިއުޒިކާއި ހަވާއެރުވުމާއެކު ބޭއްވޭ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް އަލީ އިހުސާން ވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކިފަރާތްތަކާއި ދައުލަތުގެ އިސް ފަރާތްތައް ބައިވެރިވެލައްވާނެކަމަށް އެމްއެފްއެމްސީން މަޢުލޫމާތު ދެއްވައެވެ.
2020 އެނދުގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފަށްޓަވާނެކަން މިމަހުގެ 12 ވަނަދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. ރައީސް އައްޑޫސިޓީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގެން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު ނިމިގެންދާއިރު 1980 އެއްހާ ވަޒީފާ އުފެދިގެންދާންކަމަށެވެ.
"އަޅުގަނޑުމެން ވާހަކައެއް ގޮތުގަ ތަރައްގީއެއް ނުބާއްވާނަން. ފޮތެއްގައި ލިޔެފައެއް ނުބާއްވާނަން. އަމަލީގޮތުން ތަރައްގީ ގެންނާނީ. އެހެންވީމާ ހަންކެޑެ މަޝްރޫއު އަމަލީގޮތުން ލޮލަށް ފެނިވަޑައިގަންނަވާ ގޮތަށް 2080 ބެޑްގެ މަޝްރޫއު ފެށިގެން ދިޔައިމަ ނިމޭއިރު ގާތް ގަނޑަކަށް 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އެތަނުން އުފެދޭނެ" ހަންކެޑެ މަޝްރޫޢާއި ބެހޭ ގޮތުން ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުނެ 2021 ވަނައަހަރު ހަންކެޑެ އަކީ ޓޫރިޒަމް ޒޯނެއްގޮތުގައި ކަނޑައެޅި ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ. ހަންކެޑެ މަޝްރޫޢު ފެށުމަށް ކުރީ ސަރުކާރުން 145 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށް ބުނިނަމަވެސް އެއީ ޙަޤީޤަތާއި ޚިލާފުވާހަކައެއްކަން ވަނީ ހާމަވެފައެވެ.