ރައީސް ޔާމީންގެ ޝަރީޢަތް ލަސްވާ ސަބަބު ބެލުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވުމުން އެވާހަކައަށް ޕީއެންސީގެ ނާއިބުރައީސް އިބްރާހިމް ޝުޖާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާ ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ރައީސްޔާމީންގެ ޝަރީއަތުގެ މައްސަލާގައި އަސްލަމްއާއި ވާހަކަދައްކަން ދިޔަކަމަށާއި އެދުވަހު އަސްލަމް ވިދާޅުވީ ރައީސް ޔާމީން އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށެވެ.
ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި ތިބޭފުޅާ އާވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ.ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ.ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް.ގެއަށް ބަދަލު ކުރެވޭނީ އިބޫ އަށް 2ވަނަ ދައުރެއް ލިބުނީމަކަމަށް.ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް.މިއަދު ވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ.އިބްރާހިމް ޝުޖާ
ރޭ އައްޑޫސިޓީގައި އެމްޑީޕީން ބޭއްވި ކެންޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ހުކުމާއި ހަމައިން ހުއްޓިފައި ކުރިއަށް ނުގޮސް އޮތް މައްސަލަ ބެއްލެވުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށެވެ.
އަސްލަމްއަކީ ރައްޔިތުންގެ މަޖީލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާ ބޭފުޅެކެވެ. އަސްލަމް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ, އެމްޑީޕީގެ ވެރިކަމުގައި ޝަރުޢީދާއިރާއަށް ނުފޫޒު ފޯރުވައި ރައީސްޔާމީންގެ ޝަރީޢަތް ލަސްކުރުމާއި ބޭނުންވާގޮތަކަށް ހުކުމް ކުރުމަށް ފަނޑިޔާރުންނަށް ނުފޫޒުފޯރުވާކަމަށް އެމްޑީޕީގެ ވެރިންނަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.