ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ގުޅޭ 41 މައްސަލައެއް މިހާތަނަށް އެކޮމިޝަނަށް ހުށަހެޅިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ކޮމިޝަނުގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވިގޮތުގައި އެކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މަޖިލިސް އިންތިޚާބާއި ގުޅޭ 41 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އޭގެތެރެއިން 38 މައްސަލަ މިހާތަނަށް ބަލައި ނިމިފައިވާކަމަށާއި 3 މައްސަލައެއް މިހާރުވެސް ބަލަމުންދާކަމަށެވެ.
ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވަނީ 5 ބާވަތެއްގެ މައްސަލަ ކަމަށާއި އޭގެތެރެއިން ރަޖިސްޓްރޭޝަންއާ ގުޅޭ މާއްސަލަތަކާއި ކެންޑިޑެންސީއާ ގުޅޭ މައްސަލަތައް ބަލާ ނިމިފައިކަަމަށްވެސް އީސީން މަޢުލޫމާތުދެއެވެ.
ވޯޓުލުމުގެ ހައްގާއި ގުޅޭގޮތުން ހުށަހަޅާފައިވާ 26 މައްސަލައިގެ ތެރެއިން 25 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާ ކަމަށާއި ކެމްޕޭން ކުުރުމާގުޅޭގޮތުން ހުށަހެޅިފައިވާ 5 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި މީގެ އިތުރުން އިންތިޚާބީ މުވައްޒަފުންނާއިބެހޭ 2 މައްސަލައިގެ ތެރެއިން 1 މައްސަލަ ބަލައި ނިންމާފައިވާކަމަށާއި 1 މައްސަލަ މިހާރުވެސް ބަލަމުންދާކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
އިންތިޚާބާއި ގުޅޭ އެކިމައްސަލަތަކާއި ޝަކުވާތައް އީސީއަށް ލިބެމުންދާކަމަށާއި މިމައްސަލަތަކާއި ޝަކުވާތައް އީސީގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުމަށް އީސީން އެދިލައްވައެވެ.