އިސްރާއީލުގެ ސިޙްޔޫނީން ފަލަސްތީނުގެ ޣައްްޒާގައި ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އާއިލާއެއްގެ 60 އަށްވުރެ ގިނަ މީހުން ޝަަހީދުކޮށްލައިފިއެވެ.
ޣައްޒާ ސިޓީގެ އާބާދީ ބޮޑު ދާރާޖް އަވަށަށް މިއަދު ފަތިހު ދިން ހަމަލާގައި ތަބަތީބީ އާއިލާގެ 25 މީހުން ޝަހީދުކޮށްލާއިރު، މީގެ ކުރިން ނިމިދިޔަ ރޯދަ މަހުގެ ކުރީކޮޅު ދިން ހަމަލާއެއްގައި އެ އާއިލާ ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.
"މިސައިލެއް ވެއްޓުނު އަޑު ވެސް އަދި އެއްވެސް އެއްޗެއް ވެސް އަޑެއް ނީވޭ، އަހަރެމެން އެންމެން ތިބީ ނިދާފައި،" އާއިލާގެ ދިރިހުރި މެމްބަރެއް ކަމަށްވާ ޚާލިދު އަލް ތަބަތީބީ އޭއެފްޕީ އަށް ބުނެފައި ވެއެވެ.
"އަޅުގަނޑުމެންގެ ގެއާއި، އަޅުގަނޑުގެ އެއްބަނޑު އެއްބަފާ މީހުންނާއި، އެމީހުންގެ ދަރިންނާއި، އެމީހުންގެ އަންހެން ދަރިން، އެ އެންމެން ޝަހީދުވެއްޖެ، އެ އެންމެން ވެސް ތިބީ ކުދިކުދިވެފައި،". އެންމެ ފަހުގެ ހަމަލާއާ ގުޅޭގޮތުން އޭނާ ބުންޏެވެ.
އޭނާ ބުނީ ނިރުބަވެރިންގެ މަތިންދާ ބޯޓުން އެގެއަށް ބޮން އެޅިއިރު އޭނާވެސް ނިދިފައި އޮތްއިރު، އެ މީހުން ދިރިއުޅޭ އެގެއަށް ޓާގެޓް ކުރީ ކީއްވެކަމެއް ނޭނގޭ ކަމަށެވެ.
ނިރުބަވެރިން އެކި ފަހަރު މަތިން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެ މިހާރު ވެސް ތިބީ ހިތާމައިގެ ތެރޭގައެވެ.
އެގޮތުން މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެ އާއިލާ އެކުގައި ކެއުމަށް ޣައްޒާގެ މެދުތެރެއަށް އެއްވެފައި ވަނިކޮށް، އެކަން ބަދަލު ވެގެން ދިޔައީ ގަތުލު އާންމަކަށެވެ.
އެ ހަަމަލާ އަމާޒުވެފައި ވަނީ ރޯދައިގެ ކުރިން ކެއުން ތައްޔާރު ކުރުމުގައި އަންހެނުން ހަރަކާތްތެރިވަމުން ދަނިކޮށް އެ މީހުން ތިބި އިމާރާތަށް ވައިގެ ހަމަލާއެއް ދީގެންނެވެ. އެ ހަމަލާގައި އާއިލާގެ 36 މީހުން ޝަހީދުވި ކަމަށް މަންޒަރު ދުށް މީހުން އޭރު އޭއެފްޕީއަށް ކިޔައިދިނެވެ.
އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް 33،634 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.