ސިޙްޔޫނީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ނޫސްވެރިންނަށް ޤަސްތުގައި ހަމަލާދީ މަރަމުންދާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ހެނދުނު ވަނީ ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިން ގޮވައިގެން ދަތުރު ކުރި އުޅަނދަކަށް ހަމަލާދީފައެވެ. ހަމަލާދިން އުޅަނދުގައި އެ ވަގުތު ޣައްޒާގެ 3 ނޫސްވެރިން ތިބިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޔަހޫދިން މި ހަމަލާދީފައިވަނީ ޣައްޒާގެމެދުތެރޭގައިވާ ނުސެއިރަތު ރެފިއުޖީ ކޭމްޕު ކައިރިންނެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާގެ މެދުތެރޭގައިވާ ނުސެއިރަތު ކޭމްޕަށް ދަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. އަދި ޔަހޫދީންގެ އަސްކަރިއްޔާގެ ސިފައިން ވަނީ އެއްގަމު މަގުން ވެސް އެ ރެފިއުޖީ ކޭމްޕަށް ހަމަލާތައް ދޭން ފަށާފައެވެ. ޔަހޫދީންގެ މި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ހަމަލާދިން އުޅަނދުގައި ތިބި 3 ނޫސްވެރިންނަކީ ވެސް މި ހަމަލާތައް ކަވަރުކުރުމަށް ދިޔަ 3 ނޫސްވެރިންނެވެ.
"ޔަހޫދީންގެ އަނިޔާވެރި އިސްތިއުމާރީ އަސްކަރިއްޔާ އިން ޤަސްތުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން އަހަރެމެން ކުށްވެރިކުރަން. ނޫސްވެރިންނަށް ހިމާޔަތް ލިބެން ޖެހޭ. ޔަހޫދީން ދަނީ އެމީހުން މެރުމަށް ހަމަލާތައްދެމުން." ޣައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މަގުޞަދަކީ ނޫސްވެރިންނަށް ހަމަލާދީ އެމީހުން މަރައި އެމީހުން ޒަހަމް ކޮށްގެން ނަމަވެސް ނޫސްވެރިން ބިރުގެންނެވުން ކަމަށް ވެސް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ. އެއީ ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް ދުނިޔެ އަށް ފޮރުވުމަށް ކުރާ ކަމެއް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.