އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިންގެ ދެވަނަ ބެޗު މިހާރު ފޮނުވާލާފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހު 10 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިންގ ދެވަނަ ބެޗު ރާއްޖެއިން ފޮނުވާލާނެކަން ކުރިންވެސް ސަރުކާރުން އޮތީ އިއުލާންކޮށްފަ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސިފައިން ބޭލުމުގެ މަސައްކަތް ހިނގަމުން އަންނަކަމަށެވެ.
އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މި މަހު ނުވަވަނަ ދުވަހު ރާއްޖެއިން ފައިބައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު 9 އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބާފައި ވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅާއެކު އައްޑޫ ސިޓީގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއެކު އެސިޓީގައި ތިބި އިންޑިއާ ސިފައިން (އިންޑިއާ ސިފައިންގެ ފުރަތަަމަ ބެޗު) ރާއްޖެއިން ފޮނުވާލީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިންނެވެ.
ބާކީ ތިބި އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10 ގެ ކުރިން ރާއްޖެއިން ފޭބުމަށް ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފަ އެވެ.