ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލުތަކުގެ ތެރެއިން ދެ މަންޒިލަކުން އައްޑޫ ސިޓީއަށް ޗާާޓަރު ފުލައިޓުތައް އިތުރުކުރުމާއެކު، މިހާރުވެސް އައްޑޫއަށް ލަންކާ އެއާލައިންސްއިން ކުރަމުންދާ ދަތުރުތައް ދެގުނައަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ،
އައްޑޫ ސިޓީއަަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އެއްބާރުލުން ލިބޭނަމަ، އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްވެސް ވައުދެއް ދޫނުކުރައްވައި ހުރިހާ ވައުދުފުޅުތަކެއް ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ. އަދި އެ ވައުދުފުޅުތައް ފުއްދެވުމަށް ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޭނުންވާ އެއްބާރުލުން ލިބޭނެކަން ކަށަވަރުވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމނިކުފާނު ވެވޑައިގެންނެވި ވއުދުފުޅުތައް ފުއްދެވުމަށް ވެރިކަމުގެ ފަހު އަހަރުތަކަށް މަޑުނުކުރައްވާނެކަމުގައި ވިދާޅުވުމާއެކު، އެކަމުގެ މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އައްޑޫ ހިތަދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ މަސައްކަތެވެ. އެ ބުރިޖުގެ މަސައްކަތް ފެށުމަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމަނުއްވައި މިހާރު މަސައްކަތް ފެށި ސާވޭގެ މަސައްކަތް ނިންމައި، އެ ބުރިޖުގެ ޑިޒައިން މަސައްކަތް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެކަމެއް [ބުރިޖުގެ މަސައްކަތް] ދެން އަންނަ އިންތިޚާބު އައިމައި 2028 އައިމަ 2027 ގައި ފަށާކަމަކަށް ހަދައިގެން އެއީ އިޚުލާސްތެރިކަމެއް ނޫނޭ. އެހެންވީމާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ހަފުތާ 14ގެ ތެރޭގައި އެކަމަށް އެއޮތީ މަސައްކަތް ފަށާފައި. މިހާރު އަރަބް ކޮންޓްރެކްޓާސް ކިޔާ އިޖިޕްޓު ކުންފުނިން ހަވާލުކުރި މަސައްކަތް ހިންގަނީ ބާރު ސްޕީޑުގައި. ކަނޑު އަޑީގެ ސާވޭ ނިންމައި، މިހާރު ޑިޒައިން މަސައްކަތުގެ 3 ބައިކުޅަ އެއްބައި ނިންމާފައިވަނީ. ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި މި ދެންނެވި މަރުހަލާ ނިމި، އަޅުގަނޑު ކޮންމެ ފަހަރަކުވެސް ވާ ވައުދު މިރޭވެސް ތަކުރާރުކުރާނީ، މި އަހަރު 2024 ނިމޭއިރަށް އެބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
އިތުރަށް އައްޑޫގައި ހިންގަވަން ނިންމަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަޝްރޫޢަކީ އެ ސިޓީގެ އެއާޕޯޓު ބައިނަލްއަޤުވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތަކީ އަބަދުވެސް ކުރަން ނުކުރަން ގޮތަށް ލަސްވަމުންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، މިހާރު ހިނގަމުންދާ މަޝްރޫޢަށް ބައެއް ކަންކަން އިތުރުކޮށް އެންމެ ފުރިހަމަ ޒަމާނީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކަށް އެ އެއާޕޯޓު ހައްދަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވައުދުވީ ގޮތަށް، އެންމެ ފެންވަރު ރަނގަޅު ކޮލިޓީގެ އެއާޕޯޓަކަށް، މިހާރު ފެށިގެންދާ މަޝްރޫޢުގެ އިތުރަށް އިތުރު ބައިތައްވެސް ހިމެނި އެންމެ ފުރިހަމަ އެއާޕޯޓަކަށް [އައްޑޫ އެއާޕޯޓު] ހެދިގެންދާނެ،" ރައީސް ވިދާޅުވިއެވެ. އަދި އެއާޕޯޓާއެކު ސިޓީ ހޮޓާވެސް ތަރައްޤީކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައްޑޫ އެއާޕޯޓު ތަރައްޤީކުރުމުގެ އިތުރަށް އެކި މަންޒިލުތަކުން އައްޑޫއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ނުވަތަ އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރު އައުމުގެ ކުރިން އެކި މަންޒިލުތަކުން ޗާޓަރު ފުލައިޓުތައް ގެނައުމުގެ މަސައްކަތް ހިނގަމުންދާކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރު ފަތުރުވެރިން އެންމެ ގިނައިން އަންނަ ދެ މަންޒިލަކުން އައްޑޫއަށް ޗާޓަރު ފުލައިޓުތައް ގެނައުމުގެ މަޝްވަރާތައް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހައި ސީޒަން އަންނަންވާއިރަށް ޑައިރެކްޓް ފުލައިޓުތައް އެކި ދިމާލުން ޗާޓަރުކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވަނީ. ހަގީގަތުގައިވެސް އެބަ ހިނގާ. މިހާރުވެސް އެމްޑީ މިތާ އެބަ އިންނެވި ކަންނޭނގޭ. އެމްޑީ ކުރެން އައްސަވައިލައްވާ. ދެ ދިމާލަކުން އެންމެ ގިނައިން ރާއްޖެއަށް އަންނަ އެއާލައިންތަކާ އެބަ ވާހަކަދެކެވޭ،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ލަންކާ އެއާލައިނުން ކުރާ ދަތުރުތައް އިތުރުކުރުމަށްޓަކައި، އައްޑޫން ހުވަދޫއަށް މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި އޮކްޓޯބަރު މަހުން ފެށިގެން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.
"ސްރީލަންކަންގެ ފުލައިޓުތައް ޑަަބަލްކުރުމަށް އަޅުގަނޑުމެން ނިންމީ، މިތަނުގައި ރިސޯޓުތައް އަދި މަދުވީމައި މިތަނަށް އައިސަ ހުވަދު އަތޮޅަށް [ދެވޭ ގޮތަށް]، ގދ. ގއ ގައި ކޮންމެވެސް މިންވަރަކަށް ރިސޯޓުތައް ގިނަވީމާ އަޅުގަނޑުމެން އިއުލާނުކޮށްފައި އޮންނާނީ އޮކްޓޯބަރުގައި މޯލްޑިވިއަންގެ ފުލއިޓުތައް އައްޑޫއާއި ހުވަދޫއާއި ދޭތެރޭގައި ކޫއްޑޫއާ ދޭތެރޭގައި ދަތުރުކުރަން ފަށާނޭ. އޭގެ ބޭނުމަކީ ސްރީލަންކަންއިން އަންނަ ފުލައިޓުތައް ގިނަކޮށް އަންނަ ޓުއަރިސްޓުން އިތުރުކުރުން. އެކަމުން މި ސިޓީއަށް ފައިދާވާނެ،" ރައީސް ވިދާޅުވިއެވެ.
މިކަމާ އިތުރަށް ގުޅިފައި އޮތް ކަމަކީ އައްސޭރި ޓުއަރިޒަމްގެ މަޝްރޫޢުކަމަށާއި، 6000 އެނދު ޤާއިމުކުރެވިގެންދާ އެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް ޓުއަރިޒަމް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. މުޅި ރާއްޖެއަށް ޓުއަރިޒަމް ފުޅާކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި ވަރަށް ބޮޑު އިސްކަމެއްދީގެން އައްޑޫއަށް ޓުއަރިޒަމް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.