މި ސަރުކާރުން މަސައްކަތް ކުރަނީ މި ފަސް އހަރު ނިމުމުގެ ކުރިން ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓު ލ. އަތޮޅުގައި ތަރައްގީ ކުރުމަށްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މި ފަސް އަހަރު ނިމޭއިރު މަދުވެގެން ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓު ލ. އަތޮޅުގައި ތަރައްގީ ކުރުމަކީ އަމާޒެއްކަމަށާއި މި ސަރުކާރުން އެ މަަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިޅިހުގެ މެޖޯރިޓީ ލިބުމުން ކުރަން ޖެހޭ ވަރަށް މުހިއްމު މަސައްކަތްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް ލ. އަތޮޅުގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަކީ ކުރާނެ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
އެގޮތުން މިނިސްޓްރީން އިސްނަގައިގެން ފުރަތަމަ އިންވެސްޓާ ފޯރަމް މި އަހަރު ތެރޭގައި ބާއްވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ފައިސަލް ވިދާޅުވީ ސިންގަޕޫރުގަ އާއި ތައިލެންޑުގައި އަދި ދުބާއިގައި އެ އިންވެސްޓާ ފޯރަމް ކުރިއަށް ގެންދާނެކަމަށެވެ.