ޔާގެން ކްލޮޕްގެ ފަހު ސީޒަނުގައި ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަމަށް އަމާޒުހިފި ލިވަޕޫލް ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގްގައި، އިޓަލީގެ އެޓަލާންޓާ އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެއްޖެ އެވެ.
ލިވަޕޫލް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މީގެކުރިން ތިން ގޯލު ފަހަތުގައި އޮވެ އަމިއްލަ ދަނޑުގައި ބާސެލޯނާ ހަތަރު ގޯލުން ބަލިކޮށްފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފު އެޓަލާންޓާ އިން ނިންމާލީ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އެޓީމުން އިތުރު ދެ ގޯލު ޖެހި އެވެ. ފުރަތަމަ ދެ ގޯލު ޖިއަންލޫކާ ސެމޭކާ ޖެހިއިރު އަނެއް ގޯލު ޖެހީ މާރިއޯ ޕަސަލިޗް އެވެ.
އެޓަލާންޓާ އިން ލީޑު ނެގުމުން ދެ ވަނަ ހާފުގައި ކްލޮޕް ވަނީ މުހައްމަދު ސަލާހް ވެސް ކުޅެން އަރުވާފަ އެވެ. މެޗުގައި ސަލާހް ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ.
ލިވަޕޫލް ރޭގެ މެޗުގެ ކުރިން އަމިއްލަ ދަނޑުގައި ބަލިވީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން 5-2 އިންނެވެ. އޭގެފަހުން އެޓީމުން އަމިއްލަ ދަނޑުގައި ނަތީޖާތައް ވަރަށް ރަނގަޅެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަޔާން ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެ މޮޅާ އެކު ލެވަކޫސަން އަންނަނީ ސީޒަނުގައި އަދިވެސް ބަލިނުވެ ހިފަހައްޓަމުންނެވެ.
އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ރޯމާ އަތުން 1-0 އިން ބަލިވެފަ އެވެ. ބެންފީކާ ވަނީ މާސޭ 1-2 އިން ބަލިކޮށްފަ އެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގްގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.