ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ސިޔާސަތުތަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުރީފުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ އެކްސްގައި ނަޝީދު ގެންގުޅުއްވާ "އަނެއްދިވެހިރާއްޖެ" އެކައުންޓްއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލީ ޒިންމާތައް އަދާކުރައްވާތަން ފެނުމުން އުފާކުރައްވާކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ މާލީ ސިޔާސަތު ހާމަކުރައްވައި ދެއްކެވި ވާހަކަފުޅެއް ރިޕޯޓްކޮށްފައިވާ ޚަބަރަކަށް ކޮމެންޓް ދެއްވަމުންނެވެ. ރައީސް މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 50 މިލިއަނުން މަތީގެ ތަރައްޤީގެ މަޝްރޫޢުތައް ފަށްޓަވާނީ ,މިއަހަރުގެ ޖޫންމަހުގައި ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މަޝްރޫޢުތަކަށް ކަނޑައަޅާފައިހުރި ފައިސާގެ އަދަދުތައް އެކަށީގެންވާވަރަށްވުރެ ކުޑަ ކަމަށެވެ. އެހެންކަމުން މިހާރު ފަށްޓަވަމުން ގެންދަނީ ކުދި މަޝްރޫޢުތައް ކަމަށާއި 50 މިލިއަނުން މަތީގެ މަޝްރޫޢުތައް ފަށްޓަވާނީ އަންނަ ޖޫންމަހުން ފެށިގެންކަމަށެވެ.
މިއަހަރުގެ ފާއިތުވި 3 މަހުގައި ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ބަރާބަރަށް ދައްކާފައިވާކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ސަރުކާރާއި ދައުލަތް ދަރާފައިވާ މިންވަރު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ. ރައީސް ގާނައަށް ދިރިއުޅުން ބަދަލުކުރެއްވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ ޑިސެމްބަރު މަހުގައި އެމަނިކުފާނު އައްޔަންކުރެވުމުން އެމަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށެވެ.