ގިނަ މެޗުތަކެއް ކުޅެން ޖެހުމުން މާބޮޑަށް ވަރުބަލިވެއްޖެ ކަމަށާއި، ސީޒަނުގެ މިހިސާބުން އަރާމުކުރަން ބްރޭކެއް ބޭނުންވާކަމަށް ސިޓީގެ މުހިއްމު މިޑްފީލްޑަރު ރޮޑްރީ ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ރޮޑްރީ ވަނީ މި ސީޒަނުގައި މިހާތަނަށް 41 މެޗު ކުޅެފަ އެވެ. ރޮޑްރީ އެންމެ ފަހުން ކުޅުނީ އަންގަރާ ދުވަހުގެ ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި 3-3 އިން އެއްވަރުވި މެޗުގަ އެވެ.
މި މަހު އެކަނި ވެސް ސިޓީ އިން 8 މެޗު ކުޅޭނެ އެވެ. ފުރަތަމަ 11 ދުވަހު އެޓީމުން ވަނީ ތިން މެޗު ކުޅެފަ އެވެ.
"އަހަރެންނަށް ރެސްޓް ބޭނުންވޭ. ހިނގާ ބަލަމާ މަޝްވަރާތައް ދާނެ ގޮތެއް. ބައެއް ފަހަރު ހާލަތުގެ ގޮތުން އެ ފުރުސަތު ނުލިބިދާނެ" ވަރުބަލިކަން ހާމަކުރަމުން ރޮޑްރީ ބުންޏެވެ.
ރޮޑްރީ ކުޅޭ މެޗުތަކުގައި ސިޓީގެ ރެކޯޑް ރަނގަޅެވެ. ރޮޑްރީ ކުޅެން އަރާ މެޗުތަކުގައި ސިޓީ ބަލިނުވާތާ މިހާރު 429 ދުވަސް ވަނީ ވެފަ އެވެ. އެއީ 66 މެޗެވެ.
ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ރޮޑްރީ ވަނީ މި ސީޒަނުގައި މިހާތަނަށް 3497 މިނެޓު ކުޅެފަ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގައި ރޮޑްރީ އަށް ވުރެ ގިނައިން މި ސީޒަނުގައި ކުޅެފައިވަނީ ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންނަކީ ގޯލްކީޕަރުންނެވެ.
މި ސީޒަނުގައި ސަސްޕެންޝަނުގެ ސަބަބުން ރޮޑްރީ އަށް ވަނީ ހަތަރު މެޗު ގެއްލިފަ އެވެ. އެ ހަތަރު މެޗުން ވެސް ސިޓީ ވަނީ ބަލިވެފަ އެވެ. އެހެންވެ ރޮޑްރީ ނުލާ ކުޅެން ކޯޗު ޕެޕް ގާޑިއޯލާ އަށް ވަނީ އުނދަގޫވެފަ އެވެ.
ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ލޫޓަން ޓައުންއާ ދެކޮޅަށެވެ. އޭގެފަހުން ހަފްތާ މެދުތެރެއިން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެ އެވެ.
އެ ދެމެޗަށް ފަހު ސިޓީ ނުކުންނާނީ އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށެވެ.
ރޮޑްރީ ވަރުބަލިކަން ހާމަކުރިިއރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވެސް ވަނީ ކުޅުންތެރިން ސީޒަނުގެ މިހިސާބުން މާބޮޑަށް ވަރުބަލިވާކަމަށް ބުނެފަ އެވެ.