ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ދަނޑުގައި އެޓީމު 3-2 އިން ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ބޮޑުކޮށްފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ޕީއެސްޖީ އިން ފަހަތުން އަރައި ލީޑް ވެސް ނެގި އެވެ. އެކަމަކު ބާސެލޯނާ އިން ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގެ ފަހުކޮޅު އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ރަފީނިއާގެ ގޯލުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީ އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލާފަ އެވެ. ޕީއެސްޖީގެ ފުރަތަމަ ގޯލު އުސްމާން ޑެމްބެލޭ ޖެހިއިރު އަނެއް ގޯލު ޖެހީ ވިޓީނިއާ އެވެ.
ބާސެލޯނާ އިން ފަހު ދެ ގޯލު ޖެހީ 62 ވަނަ މިނެޓާއި 77 ވަނަ މިނެޓުގަ އެވެ. އެޓީމު އެއްވަރުކުރި ގޯލު ވެސް ޖެހީ ރަފީނިއާ އެވެ. މޮޅުވި ގޯލު ކޯނަރަކުން ބޮލުން ކާމިޔާބުކޮށްދިނީ އެންދްރަސް ކްރިސްޓިއެންސަން އެވެ.
ލީޑު ނެގުމަށް ފަހު މެޗުގެ ބާކީ ބައިގައި ބާސެލޯނާ އިން ލީޑުގައި އޮވެ ނިންމާލި އެވެ.
މުޅި މެޗުގައި ވެސް ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ހުއްޓޫވުމުގައި ބާސެލޯނާ އިން މޮޅު ކުޅުމެއް ދެއްކި އެވެ.
ބާސެލޯނާ އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ކުޅުނީ 2020 ވަނަ އަހަރު އެވެ.
ކުއާޓާ ފައިނަލުގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑް ވަނީ 1-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި އެތުލެޓިކޯގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ ރޮޑްރިގޯ ޑިޕޯލް އެވެ. އަނެއް ގޯލު 32 ވަނަ މިނެޓުގައި ޖެހީ ސަމުއެލް ލިނޯ އެވެ.
ޑޯޓްމަންޑްގެ ހަމައެކަނި ގޯލު 81 ވަނަ މިނެޓުގައި ޖެހީ ސެބެސްޓިއަން އަލެއާ އެވެ.
ދެ ވަނަ ލެގްގެ މެޗު ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅޭއިރު އެޓީމަށް އެޑްވާންޓޭޖް އެބައޮތެވެ. އެތުލެޓިކޯ ދެ ވަނަ ލެގްގެ މެޗު ކުޅޭނީ ރަށުން ބޭރުގަ އެވެ. އެ ދެމެޗު ވެސް ކުޅޭނީ އަންނަ ހަފްތާ ބުދަ ދުވަހު އެވެ.