ރޭގައި އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާގެ ތަޅާލާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިފަދައިން މިނިސްޓަރު ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ރޭގައި އަލިފާނުގެ ހާދިސާ ހިނގި ގެއަކީ މީހުން ދިރިނޫޅޭތާ ގިނަދުވަސް ވެފައިވާ ބޮލަށް ވެއްޓޭވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރި ވިދާޅުވީ މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރި ވެދާނެކަމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށެވެ.
އެ ހާދިސާގައި ރޯވެފައިވަނީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ހާދިސާ ހިނގިކަމަށް ރިޕޯޓުކުރިތާ 30 ވަރަކަށް މިނިޓް ފަހުން، އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.